ދިވެހި ޕްރެމިއާ ލީގް

ތިން ބުރުންވެސް މާޒިޔާއަށް އީގަލްސް ބަލި ނުކުރެވުނު

ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން މާޒިޔާއިން ހޯދީ، ތިން ވަނަ ބުރުގައި ބާކީ ތިން މެޗު އެއްވަ އެވެ. ލީގްގެ ވަރުގަދަ މެޗުތަކެއް ކުރިމަތީގައި އޮއްވައި ލީގް ނެގިނަމަވެސް މާޒިޔާއަށް ހާސިލު ނުވެ އޮތް ޗެލެންޖެއް އެބައޮތެވެ. އެއީ ލީގްގެ އެއްވެސް ބުރެއްގައި، ވާދަވެރި ކުލުބު އީގަލްސްގެ މައްޗަށް ކާމިޔާބު ހޯދިފައި ނުވުމެވެ.

ލީގްގެ ފުރަތަމަ ބުރު ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ފުރަތަމަ ބުރުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ބަލި ނުވެ ނުވަ މެޗު ފުރިހަމަ ކުރުމަށް ފަހު ދެ ވަނަ ބުރުގައި، މާޒިޔާއަށް ކުރިމަތިވީ އީގަލްސް އެވެ.

އެ މެޗުގައި އީގަލްސްއިން ކުޅުނީ އެ ޓީމު އާންމުކޮށް ކުޅޭ ސްޓައިލް އާ ތަފާތު ގޭމެކެވެ. އެޓޭކަށް އަރާއިރު ކުޅުންތެރިން ގިނަ ކޮށްގެން ހަމަލާ އުފައްދާ އީގަލްސްއިން ވަނީ އެމެޗުގައި، 31 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑަށް ފަހު މުޅި ޓީމު އެކުގައި ޑިފެންސް ކުރުމަށް އިސްކަން ދީފަ އެވެ.

"އަޅުގަނޑުމެން ކުޅުނީ މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ކުޅޭ ފުޓްބޯޅަ އާ މުޅިން ތަފާތު ގޭމެއް،" އޮކްޓޯބަރު 16 ވަނަ ދުވަހުގެ ރޭ މާޒިޔާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފައި ވެއެވެ. "އެންމެ މުހިންމު ކަމެއް ދިނީ ހަމަ ސީދާ ނަތީޖާ އަށް، އަޅުގަނޑުމެން އާންމުކޮށް ކުޅޭ ފުޓްބޯޅައާ މުޅިން ތަފާތު ގޭމެއް، ފުދޭ ވަރަކަށް ޑިފެންސިވް ގޭމެއް، ދެ ވަނަ ހާފުގައި މާޒިޔާއަށް އެންމެ ބޯޅައެއްވެސް އޯޕަން ކޮށް ނުލިބޭވެސް ބުނެވިދާނެ، އައި ހުރިހާ ބޯޅައަކަށްވެސް އަޅުގަނޑުމެން ޖެއްސިން."

އެ މެޗާ ހިސާބަށް ލީގްގައި މެޗަކުން ބަލި ނުވެ އޮތީ އީގަލްސް އެކަންޏެވެ. އެ ޓީމުން ބަލި ނުވެ 11 މެޗު ފުރިހަމަ ކުރި އެވެ. ލީގަށް ވާދަ ކުރަމުން ދިޔަ އީގަލްސްގެ ޓްރެކަށް ހުރަސްއެޅީ، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުން ދެ ވަނަ ބުރުގެ ފަހު ކޮޅުގައި އީގަލްސްގެ މައްޗަށް 3-2 ން ކުރި ހޯދުމުންނެވެ. އެއީ ލީގްގައި އެ ޓީމަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ.

ތިން ވަނަ ބުރު ކުޅޭނީތޯ، ކުލަބުތަކުގެ މެދުގައި ހިޔާލު ތަފާތުވުމުން އެފްއޭއެމުން ނިންމީ، ކުލަބުތަކުގެ މަޝްވަރާއަށް ދިއުމަށެވެ. ތިން ވަނަ ބުރު ކުޅުމަށް އީގަލްސްއިން ތާއީދު ކުރީ މާޒިޔާ އަތުލެވޭނެ ކަމަށް އެ ޓީމަށް އުންމީދު އޮތުމުންނެވެ. އެހެންނަމަވެސް ތިން ވަނަ ބުރުގައި ޓީސީ އަތުން ބަލިވުމުން އެ ފުރުސަތު އެ ޓީމަށް ގެއްލުނެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ، ލީގްގެ ފަހު މެޗަށް އީގަލްސް ނުކުތީ، މާޒިޔާ އަތުން ބަލި ނުވުމުގެ ރެކޯޑް ދެމެހެއްޓުމަށެވެ. އެ މެޗު އީގަލްސްއިން ކާމިޔާބު ކުރީ 2-1 ންނެވެ. މާޒިޔާ އަތުން، އެންމެ ފަހު އެ ޓީމު ބަލިވީ އޮކްޓޯބަރު 2018 ގެ 26 ވަނަ ދުވަހު އެވެ. އެ މެޗު މާޒިޔާއިން ކާމިޔާބު ކުރީ 1-0 ންނެވެ.