ލީގްގެ ފަހު މެޗަށް އައުމުގެ މާ ކުރިންވެސް ލީގް ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ މާޒިޔާއިން، ދިވެހި ޕްރިމިއާ ލީގްގެ ޝީލްޑް އުފުލާލައިފި އެވެ.
ފަހު މެޗުގައި، ރޭ ކުލަބު އީގަލްސް އަތުން މާޒިޔާ ބަލިވީ 2-1 ންނެވެ. އޭއެފްސީ ކަފިގެ ކޮލިފިކޭޝަންގައި ވަރުގަދަ ހަތަރު މެޗު ކުޅެފައި ވުމުން، މާޒިޔާއިން ރޭގެ މެޗަށް ނުކުތީ ބަދަލު ތަކަކާއެކު އެވެ. އެއް ނަންބަރު ކީޕަރު އަފްގާނިސްތާންގެ ގައުމީ ޓީމުގެ ކީޕަރު އޮވިއަސް އަޒީޒީގެ ބަދަލުގައި، ރޭ ގެ މެޗުން ފުރުސަތު ދިނީ ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު ހުސައިން ޝަރީފްއަށެވެ.
އީގަލްސްއިން ވަނީ ފުރަތަމަ ހާފުގައި، ލީޑް ނަގާފަ އެވެ. އެ ޓީމަށް ލީޑް ނަގައިދިނީ ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކަމޯޓާ (ޓޮށީ) އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 38 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފުގައި މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށްވެސް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އީގަލްސްގެ ކީޕަރު މުހައްމަދު ސިނާހް ކުރިއަށް ނުކުމެ ހުރުމުން އިއްބެ ބޯޅަ ފޮނުވާލީ އާދައިގެ ގޮތަކަށެވެ. އެހެންނަމަވެސް އެ ބޯޅައިގެ ބާރެއް ނެތުމުން ސިނާހް ވަނީ އެ ބޯޅަ ސޭވް ކޮށްފަ އެވެ.
އީގަލްސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަހްމަދު ރިޒްވާން އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.
ލީގްގެ މޮޅު ގޯލްކީޕޮަރަލަށް ހޮވުނީ މާޒިޔާގެ ކީޕަރު އޮވިއަސް އަޒީޒީ އެވެ. ފެއާޕްލޭ ޓީމަކީ ކުލަބު އީގަލްސް އެވެ.