ޖިނާއީ މައްސަލަތައް ހުއްޓުވުމަށް ރާއްޖެއާއި އިންޑިޔާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމަށް މަޖިލީހުން ރުހުން ދޭން ފާސްކޮށްފި އެވެ.
"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" މުއާހަދާ އާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ފާސް ކުރަން ފެންނަ ކަމަށް 65 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސް ކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އެ ޓްރީޓީ ފާސްވެއްޖެ ކަމަށް ރިޔާސަތުން އެންގި އެވެ.
ޖިނާއީ ކުށްތައް ހުއްޓުވަން އެއްބާރުލުން ދިނުމަށް އިންޑިއާ އާއި ރާއްޖެ ދެމެދު މުއާހަދާގައި ސޮއި ކުރުމުގެ މަސައްކަތް ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެގޮތުން 2011 ވަނަ އަހަރުގައި ވެސް އެ މުއާހަދާގައި ސޮއި ކުރަން މަޖިލީހުން ރުހުން ދިނެވެ. ނަމަވެސް އޭރު މަޖިލީހަށް ފޮނުވާފައި ވަނީ އިންޑިއާ އިން ބަލައިގެންފައިވާ ދެލޮކޮޕީއެއް ނޫން ކަމަށް ބުނެ އެ މަސައްކަތް އޮތީ މަޑު ޖެހިފަ އެވެ.
އެއަށް ފަހު އައި ކުރީގެ ދެ ސަރުކާރުގައި ވެސް އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. ނަމަވެސް 19 ވަނަ މަޖިލީހުން މުއާހަދާ ފާސްކޮށްފައިވާ އިރު މިއީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން އެހެން ގައުމަކާއެކު ގާއިމް ކުރާނެ ފުރަތަމަ މުއާހަދާ އެވެ.
ޖުމުލަ 26 މާއްދާއެއް އެކުލެވޭ އެ މުއާހަދާގައިވާ ގޮތުން ސޮއި ކުރެވޭ ދެ ގައުމަކުން ކުރެ ގައުމަކުން އެދިއްޖެ ނަމަ ތަހުގީގަށް މައުލޫމާތެއް ހޯދަން އެއް ގައުމުން އަނެއް ގައުމަށް މީހަކު ގެންދެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ކަމަށް މުއާހަދާގައިވެ އެވެ. އަދި އެ މީހާގެ ހުއްދަ ވެސް އޮވެގެން ކަމަށް ވެސް އެ މުއާހަދާގައި ބުނެފައިވެ އެވެ. އަދި އެ މީހަކު ހަވާލު ކުރެވޭ ގައުމެއްގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރަން ޖެހިއްޖެ ނަމަ ބަންދު ކުރެވޭނެ ކަމަށާއި ނަމަވެސް ގެންދިޔަ ބޭނުން ފުރިހަމަވުމުން އަނބުރާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް މުއާހަދާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ޖިނާއީ ތަހުގީގެއް ކުރިޔަށް ދާއިރު ތުހުމަތު ކުރެވޭ މީހާ ހުރި ތަނަކާއި އޭނާގެ މާލީ މުއާމަލާތްތަކާ ގުޅޭ ރިކޯޑުތަކާއި ބެންކިން އަދި އިންވެސްޓްމަންޓާ ގުޅުން ހުރި ކަންކަން ފޯރުކޮށްދޭން ޖެހެ އެވެ.
އެ މުއާހަދާއާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން ސަރުކާރާ ކޯލިޝަން ޕާޓްނަރެއް ކަމަށް ބުނާ ޖުމްހޫރީ ޕާޓީ އިން ވެސް ދެކޮޅެވެ. ސަބަބަކީ އިންޑިޔާއާއެކު އެފަދަ އެއްބަސްވުމެއް ގާއިމް ކުރުމުން އޭގެ ނާޖާއިސް ފައިދާތަކެއް ނަގާނެ ކަމަށާއި އެއީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން ކަމަށް އެ މެންބަރުން ބުނެ އެވެ.