ދިވެހި ޕްރެމިއާ ލީގް

މާޒިޔާ އެއްވަނަ މަގާމަށް ދާން އީގަލްސް ފުރުސަތެއް ނުދިން

މާޒިޔާއިން ލީޑް ގައި އޮއްވައި، އީގަލްސްއިން ދެ ވަނަ ހާފުގައި ލަނޑު ކާމިޔާބުކޮށް މާޒިޔާއިން އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އީގަލްސްއިން ހުއްޓުވައިފި އެވެ. މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

މިރޭ އީގަލްސްގެ މައްޗަށް މާޒިޔާއަށް ކުރި ހޯދުނު ނަމަ، 13 ޕޮއިންޓާއެކު މާޒިޔާއަށް ތާވަލުގެ އެއް ވަނަ މަގާމަށް އެރުނީހެވެ. މާޒިޔާއިން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ޅީޑް ނަގާފަ އެވެ. މެޗުގެ 12 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ، އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' އެވެ.

އޭނާ ލަނޑު ޖެހީ، މާޒިޔާއިން ނެގި ހުރަހަކުން ތަނަވަސްވި ބޯޅަ އޭރިއާ ތެރޭގައި ހުހަށް ހުރެ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ގޯލްގެ އިތުރުން ފުރަތަމަ ހާފަުގައި މާޒިޔާގެ ފަރާތުން ފެނުނީ އެވްރެޖު ކުޅުމެކެވެ. ދެ ވަނަ ހާފަށް ނިކުތް އިރު އެ ޓީމުގެ ފަރާތުން ފެނުނީ ވަރުބަލި ކަމެވެ.

ދެ ވަނަ ހާފުގައި މުޅިން ކަހަލަގޮތަކަށް އީގަލްސްއިން ކުޅުނީ މާޒިޔާގެ ހާފުގެ ތެރޭގައެވެ. ދެ ވަނަ ހާފުގައި ކުޅުމުން ބޭރުގައި ވަގުތު ތަކެއް ހޭދަވުމުން އެކަށީގެންވާ ކުޅުމެއް އެއްވެސް ޓީމެއްގެ ފަރާތުން ނުފެނުނެވެ. އެހެންނަމަވެސް އީގަލްސްއިން ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތުތަކެއް އުފައްދާފަ އެވެ.

އީގަލްސްގެ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި އުޒުބެކިސްތާންގެ އަހްރޯރް އުމާޖޮނޯވް ކާމިޔާބު ކޫރީ، މާޒިޔާގެ އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި ވަރަށް ބާލަލާފައި ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އެވަގުތު މާޒިޔާގެ އޭރިއާ ތެރޭގައި އެ ޓީމުގެ ފަސް ވަރަކަށް ޑިފެންޑަރުން ތިއްބެވެ. މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ، މެޗުން ތިން ޕޮއިންޓް ގެއްލުނީ ހެދުނު އެންމެ މިސްޓޭކަކުން ކަމަށާއި އެކަން ފިޔައި މެޗާ މެދު ހިތްހަމަނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި މެޗަށް ފަހު ދިވެހި ޕްރިމިއާ ލީގް މެދުކަނޑާލާނީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރު ވުމަށް ގައުމީ ޓީމަށް ވގުތު ދިނުމުގެ ގޮތުންނެވެ. އެ މުބާރާތަށް ފަހު ލީގް ކުޅުން ފަށާނީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ.