ދިވެހި ސިނަމާ

ބޯއިކޮޓް ކުރަން ގޮވިއަސް ހާހެއް ނުވޭ، ފިލްމު އަޅުވާނެ: މުއާ

މި މަހުގެ 23 ވަނަ ދުވަހު އަޅުވަން ހަމަޖެހިފައިވާ ފިލްމު "ލީނާ" ބޯއިކޮޓް ކުރުމަށް ބަޔަކު ގޮވާލި ކަމުގައި ވިޔަސް މި ފިލްމަކީ އަޒްލީނާގެ މަަރުގެ ހާދިސާ އިން އިންސްޕަޔާ ވެގެން ހަދާ ފިލްމެއް ކަމަށާއި ފިލްމު ބޯއިކޮޓް ކުރަން ގޮވިއަސް ކަންބޮޑުނުވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަބްދުﷲ މުއާޒް މިއަދު ބުނެފި އެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނަތެރޭ އިހާނެތި ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއަށް އިންސްޕަޔާ ވެގެން ހަދާ ފިލްމު، "ލީނާ" ގެ ޓިކެޓް އޮލިމްޕަހުން އިއްޔެ ވިއްކަން ފެށުމާ އެކު ޓްވިޓާގައި އެ ފިލްމު ބޯއިކޮޓް ކުރަން ބަައެއް މީހުން ދަނީ ގޮވާލަމުންނެވެ.

މި މައްސަލައިގައި ފިލްމުގެ ޕްރޮޑިއުސަރު އަވަސް އަށް ދެއްވި އިންޓަވިއުގައި ބުނީ، މި ފިލްމު އެންމެ ފުރަތަަމަ ހަދަން ފެށި އިރު އަޒްލީނާގެ އާއިލާ އާ ވާހަކަ ދެއްކި ކަމަށެވެ. އަދި، ފިލްމުގެ ޕްރޮޑަކްޝަން ފެށި ދުވަހުން ފަށައިގެން މިއަދާ ހަމައަށްވެސް އާއިލާގެ ފަރާތުން މައްސަލައެއް އައިސްފައި އޮތް ނަމަ އެކަންވެސް އޮޅުންފިލުވައިދޭނެ ކަމަށެވެ.

"އެންމެ ފުރަތަމަ މި ފިލްމުގެ ޕްރޮޑަކްޝަން ފެށީ 2018 ވަނަ އަހަރު. މިއީ ހާދިސާއަކުން އިންސްޕަޔާ ވެގެން ހަދާ ފިލްމެއް ކަމުން، ވިތު ރެސްޕެކްޓް އަހަރެން އަޒްލީނާގެ އާއިލާ އާ ވާހަކަ ދައްކައިގެން ވަރަށް ރަނގަޅަށް އޮޅުންފިލުވައިދިނިން. އޭގެ ފަހުން އާއިލާގެ މައްސަލަ އެއްވެސް ނާދޭ" ފިލްމުގެ ޕްރޮޑިިއުސަރު އަދި ފިލްމުގައި ވިލަންގެ ރޯލު ކުޅޭ މުއާ ބުންޏެވެ.

މުއާ އިތުރަށް ބުނީ، ރާއްޖެ ނޫނަސް ބޭރުގެ އެހެން ގައުމުތަކުގައިވެސް ހާދިސާތަކަށް އިންސްޕަޔާވެގެން ފިލްމު ހަދާ ކަމަށެވެ. އަދި މިއީ ހަމަ މައުސޫމް އަންހެން ކުއްޖެއްގެ މަރުގެ ހާދިސާ ކިޔައިދޭ ފިލްމެއް ކަމުން އޭގައި މައްސަލަ އެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"މިއަދު ޓިކެޓު ވިއްކަން ފެށީމަ އެއް ނޫން ފިލްމު ބޯއިކޮޓް ކުރަން ގޮވާލަންވީ. ފިލްމަކީ އިންސްޕިރޭޝަން އެއް ކަން އެންމެ ފުރަތަަމަ އެނގެން އެބަަޖެހޭ. އަދި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިިވެސް ކުރާ ކަމެއް. އަލަަކަށް ނޫން މީހަކު މަރުގެ ހާދިސާއަކަށް އިންސްޕަޔާވެގެން ފިލްމެއް މި ހަދަނީ އެއް. ޓްވިޓާގައި އެހެން ފިލްމު ބޯއިކޮޓް ކުރަން ގޮވިއަސް އަހަރެން ހާހެއް ނުވޭ" މުއާ ބުންޏެވެ.

މުއާ ބުނީ، ފިލްމާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރި ކަމުގައި ވިޔަސް ފިލްމު އަޅުވާނެ ކަމަށެވެ. އަދި، ޓިކެޓުތައްވެސް މިހާރު ދަނީ ވިކެމުން ކަަމަށް މުއާ ފާހަގަކުރި އެވެ.

"ޓްވިޓާގައި ކިތަންމެ ވަރަކަށް މި ފިލްމު ބޯއިކޮޓް ކުރަން ގޮވިއަސް މި ފިލްމު އަޅުވާނެ. އެއަށްވުރެ ބޮޑު އޯޑިއެންސްއެއް އެބަ އޮތް މި ފިލްމަށް. ޓްވިޓާގައި އުޅޭ ގްރޫޕަކީ އަސްލު ފިލްމު ބަލާ ބަޔެއް ވެސް ނޫން"

ފިލްމުގެ ތިއެޓްރިކަލް ޓްރެއިލާ --

މި މަަހު އަޅުވާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ. "ލީނާ" ގެ ޓައިޓްލް ރޯލުން ފެންނާނީ މަރިޔަމް އައްޒަ އެވެ. އަދި ލީނާގެ ގާތިލުގެ ރޯލުން މުއާ ފެންނަ އިރު އިތުރު ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ) އާއި، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހްމަދު އީސާ (އާނަންދު)، އަހްމަދު ނިމާލް ވެސް ފެންނާނެ އެވެ.

ފިލްމުގެ ޓިކެޓުތައް އޮލިމްޕަހުގައި ވިއްކަން ފަށާފައިިވާއިރު، 200 އަށް ޕްރިމިއާ ނައިޓް އަދި އެހެން ޝޯތައް 100 އަށް ވިއްކަ އެވެ. މިއީ މުއާގެ ފުރަތަަމަ ފީޗާ ފިލްމެވެ.