ދުނިޔެ

ހޮންގްކޮންގް ގެ ބިލު "މަރުވެފައިވާކަމަށް" ވިދާޅުވި ނަމަވެސް، އަނބުރާ ނުގެންދާތީ ފާޑުކިއުން

Jul 9, 2019

ހޮންގް ކޮންގް (ޖުލައި 9) - ހޮންގް ކޮންގް ގައި މައްސަލަ ބޮޑުވެފައިވާ ކުށްވެރިން ބަދަލުކުރެވޭ ބިލު "މަރުވެފައިވާ" ކަމަށް ޗީފް އެގްޒެކެޓިވް ކެރީ ލޭމް ވިދާޅުވެއްޖެ އެވެ.

ހޮންގްކޮންގްގެ ސަރުކާރުން އިސްލާހުތަކަކާއެކީ ފާސްކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން މިދިއަ މަހު ފަސްކޮށްފައިވަނިކޮށް، އެ ބިލު "މަރުވެއްޖެ" ކަމަށް ލޭމް ވިދާޅުވި ނަމަވެސް، އަދިވެސް އެ ބިލު އަނބުރާ ނުގެންދެ އެވެ.

ހޮންގްކޮންގްއަށް އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ ކުށްވެރިން އަނބުރާ އެމީހެއްގެ ގައުމަށް ފޮނުވާލުމުގެ ބާރު ލިއްބައިދީ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއަށް ޝަރީއަތް ކުރަން ފޮނުވާލުމުގެ ބާރު ވެސް ލިބޭ ބިލާ ދެކޮޅަށް އެތަކެއް މިލިއަން މީހުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކު ވަނީ އަނިޔާވެފަ އެވެ.

އިނގިރޭސި ވިލާތުން ޗައިނާ ސަރުކާރާ ހޮންގްކޮންގް ހަވާލުކުރީ 1997 ވަނަ އަހަރެވެ. ހޮންގްކޮންގްއާއި މުޅިން ތަފާތު ޝަރުއީ ނިޒާމެއް އޮންނަ ޗައިނާއަށް ޝަރީއަތަށް ފޮނުވާލުމާމެދު ހޮންގްކޮންގްގެ ގިނަ ދާއިރާތަކެއްގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ގިނަ ބަޔަކު ގޮވާލަމުންދަނީ އެ ބިލު އަނބުރާ ނެގުމަށެވެ.