ދުނިޔެ

ޔަމަނުގައި ތިބި ޔޫއޭއީގެ ސިފައިންގެ އަދަދު މަދުކުރަނީ

ޔަމަންގައި ގާއިމްވެތިބޭ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސިފައިންގެ އަދަދު މަދު ކުރަން އެގައުމުން ނިންމައިފި އެވެ.

ޔޫއޭއީން އެގައުމުގެ ސިފައިންގެ އަދަދު މަދުކުރަން ނިންމީ ސައުދީ އަރަބިއްޔާއެކު ކުރިއަށްދިޔަ ބައްދަލުވުމަށްފަހު އެވެ. ޔަމަންގައި ތިބޭ ސިފައިންނަކީ ޓެކްނިކަލް ބޭނުމަށް ޔޫއޭއީން ގާއިމްކޮށްފައިވާ ސިފައިންނެވެ. ޔޫއޭއީގެ އަސްކަރިއްޔާގެ ފަރާތުން މިޑިއާއަށް މައުލޫމާތު ދެމުން ބުނީ، ޔަމަނުން ސިފައިން ބާލަން ޖެހުނަސް އެކަމާއި އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ވަރަކަށް ކަންބޮޑު ނުވޭ ޔަމަނުން ސިފައިން ބާލަން ޖެހުނީމަ، ސަބަބަކީ އަޅުގަނޑުމެން ވަނީ ޔަމަނުގައި 90،000 ސިފައިން ތަމްރީނުކޮށްފަ" ޔޫއޭއީގެ އަސްކަރިއްޔާގެ އޮފިޝަލް ވިދާޅުވި އެވެ.

ސައުދީން އާއި މަޝްވަރާކުރުމަށްފަހު ޔޫއޭއިގައި ގާއިމްކޮށްފައިތިބޭ ސިފައިންގެ އަދަދު މަދުކުރަން ނިންމިއިރު 2014 ވަނަ އަހަރުން ފެށިގެން ސައުދީ އަދި ޔަމަންގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. 2015 ވަނަ އަހަރު ސައުދީން ވަނީ ޔަމަނުގެ ހޫތީ ސިފައިންނާ ހަގުރާމަ ކުރުމަށް ބައިނަލްއަގްވާމީ ކޯލިޝަނެއްވެސް ހަދައިފަ އެވެ.

މި ކޯލިޝަންގައި ޔޫއޭއީވެސް ހިމެނެ އެވެ. ކޯލިޝަން އެއްބަސްވުމުގެ ދަށުން ޔޫއޭއީގެ ސިފައިން ޔަމަނުގައި ގާއިމްވެ ތިބޭތާ އެއް އަހަރު ވަނީ ވެފަ އެވެ.