ދުނިޔެ

ޗައިނާ ދެކޮޅު ހަދަމުން ދަނިކޮށް ޓައިވާނަށް ހަތިޔާރު ވިއްކަން އެމެރިކާ އިން އެއްބަސްވެއްޖެ

އޭޝިއާގެ ގައުމެއް ކަމަށްވާ ޓައިވާން އަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން އެއްބަސްވެއްޖެ އެވެ.

ހަތިޔާރު ގަތުމަށް އެމެރިކާގެ ކިބައިން އެދިފައިވަނީ ޓައިވާނުންނެވެ. ޓައިވާނުން ގަންނަން ބޭނުންވާ ހަތިޔާރުގެ ތެރޭގައި އަބްރަމްސް ޓޭންކްސް އަދި ސްޓިންގާ މިސައިލްވެސް ހިމެނެ އެވެ.

މި ވިޔަފާރީގެ މުއާމަލާތާއި ގުޅިގެން އެމެރިކާގެ ޑިފެންސް ކޯޕަރޭޝަން އެޖެންސީިން ބުނީ، އެމެރިކާއާ ޓާއިވާނާދެމެދު މިހާރު ފުރިހަމަ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ޓައިވާނަށް ހަތިޔާރު ވިއްކިޔަސް އެސަރަހައްދުގެ މަސްލަހަތަށް ބުރޫ ނާރާނެ ކަމަށެވެ. އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކަން ނިންމީ އެމެރިކާގެ ގައުމީ ސަލާމަތަށް ރައްކަލަކަށް ކަމަށް ބުނެ އެވެ.

އެމެރިކާ އާއި ވިޔަފާރި ގުޅުން ގޯސްވެފައިވާ ޗައިނާއިން ވަނީ ޓައިވާނަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ މިކަމުގެ ސަބަބުން ޗައިނާ އާއި އެމެރިކާގެ ދެމެދުގައި އުފެދުމުން އަންނަ އެކުވެރިކަމަށް އަސަރު ކުރާނެ ކަމަށެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ އެގައުމުގެ އަމިއްލަ ބާރު ހިނގަން ޖެހޭ ގައުމެކެވެ. ޓައިވާން އަކީ މިނިވަން ދައުލަތެއްކަމަށް މިހާތަނަށް ގަބޫލުކޮށްފައިވަނީ އެންމެ 20 ގައުމަކުންނެވެ.