ލައިފްސްޓައިލް

މާލޭގެ ބޮޑު ބައެއް ދިއްލާލައިފި!

Jul 24, 2015

މާލޭގައި ބޮކިތައް ހަރުކުރަން ފެށިއްސުރެން، ފެށިގެން ދިއްލާލާނެ ދުވަހަކަށް ގިނަ ބަޔަކު ތިބީ ކެތް މަދުވެފަ އެވެ. ކެތް މަދުނުވާނެ ސަބަބެއް ނެތްތާ އެވެ. މިނިވަން 50 އަށް މާލޭގައި ހަރުކޮށްފައި ވަނީ އާދައިގެ ބޮކިތަކެއް ނޫނެވެ. މި ކަމުގެ އިންތިޒާރުގައި ތިބި މީހުންގެ އިންތިޒާރު މިރޭ މިވަނީ ނިމުމަކަށް އަތުވެއްޖެ އެވެ. ބޮޑު ބައި މިވަނީ ދިއްލާލާފަ އެވެ. މި އަލިކަމާއެކު ގިނަ ބައެއްގެ ފަރާތުން ފެނިގެން ދިޔައީ "އެކްސައިޓްމަންޓެވެ"

 

ބޮކިތައް ދިއްލާލުމާއެކު ގިނަ ބަޔަކު ފެނިގެން ދިޔައީ ސެލްފީ ނެގުމާއި ފޮޓޯ ނެގުމުގައި "ބިޒީ ވެފައިވާ" ތަނެވެ. ހާއްސަކޮށް މި ހަރަކާތް އެންމެ ބޮޑަށް ފެނުނީ މާލޭގެ އެންމެ ޗާންދަނީ މަގާއި، މަޖީދީ މަގު ހަތަރު އަނގޮޅިންނެވެ. މި ސަރަހައްދު ވަނީ އާދަޔާ ހިލާފަށް ރީތިކޮށްފަ އެވެ. މަޖީދީމަގާއި ޗާންދަނީ މަގުވަނީ ގައުމީ ކުލަތަކުން ބޮކިފަތި ދަމާފަ އެވެ. އެހެންވެ  މި ސަރަހައްދުގައި ޓްރެފިކް ވެސް ބާރު ބޮޑެވެ. މި ސަރަހައްދުން "އެކްސައިޓްމަންޓް" އެންމެ ބޮޑަށް ފެންނަނީ އަންހެން ކުދިންގެ މޫނުމަތިންނެވެ. ބައެއް ކުދިން ސައިކަލް މަޑު ކޮށްގެން ވެސް ފޮޓޯ ނަގަމުން ދިޔަ އެވެ.

މުޅި މާލެއަށް ބަލާއިރު ރީތި ބޮކިތައް ހުރީ ސަރުކާރުގެ އިމާރާތްތަކުގަ އެވެ. ނަމަވެސް މާލޭގެ ބޮޑެތި ފިހާރަތަކުގައި ވެސް ބޮކިފަތި މަދު މަދުން ނަމަވެސް ފެންނަން އެބަ ހުއްޓެވެ. 

މިނިވަން 50 އަށް ހާއްސަކޮށްގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ދިއްލުމުގެ ބޮޑު ބައި އަދި ކުރިއަށް އޮތީ އެވެ. މިރޭގެ ވަގުތެއްގައި ޖުމްހޫރީ މައިދާންގައި ހަދާފައިވާ ފެން އަރުވާ ވަޑާން ހުޅުވާނެ އެވެ. މިއާއެކު ހަވާ އެރުވުން ވެސް އޮންނާނެ އެވެ.

24 ވަނަ ދުވަހުގެ ރޭ (މިރޭ) ހަވާ އެރުވުން ޖުމްހޫރީ މައިދާނާ ދިމާ (ކަނޑުމަތީގައި) 10 ޖަހާއިރު

26 ވަނަ ދުވަހުގެ ރޭ ސުނާމީ ބިނާއާ ދިމާ ކަނޑުމަތީގައި ( ތިން ބާޖުގައި) 12.30 ގައި

27 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނާ ދިމާ ކަނޑުމަތީގައި ( ދެ ބާޖުގައި) 11.30

27 ވަނަ ދުވަހުގެ ރޭ މާލެ ރާޅުގަނޑު ސަރަހައްދު ހެލިޕޭޑް 11.50

27 ވަނަ ދުވަހުގެ ރޭ، މާލެ މާފަންދު ސްޓޭޑިއަމް ވެލިގަނޑު 11.35

27 ވަނަ ދުވަހުގެ ރޭ މާލެ، ގަލޮޅު ރަސްމީ ދަނޑުގައި 11.35