އެޓާނީ ޖެނެރަލް

އެންމެ ގިނަ ދައުވާ ރައްދުވީ ފުލުހުންގެ އިދާރާއަށް

ފާއިތުވި ހަ މަސް ދުވަހު ދައުލަތުގެ މައްޗަށް އެންމެ ގިނައިން ދައުވާ އުފުލާފައިވަނީ ފުލުހުންގެ ވަޒީފާއާ ގުޅޭ ގޮތުން ކަމަށް އެޓާނީ ޖެނެރަލް (އެޖީ) އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއަށް ރައްދުވާ ގޮތަށް ޖުމްލަ 22 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި 22 މައްސަލައަކީ ވެސް ފުލުހުންގެ ވަޒީފާ އާއި ގުޅޭ މައްސަލަކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މިއަދު އޭޖީ އޮފީހުން އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން ދެވަނައަށް އެންމެ ގިނައިން ދައުލަތުން ދައުވާ އުފުލާފައިވަނީ ޑިފެންސް މިނިސްޓްރީއަށެވެ. އެއަށްފަހު ހައުސިން މިނިސްޓްރީއަށާއި އިކޮނޮމިކް މިނިސްޓްރީއަށެވެ. އެގޮތުން ހައުސިން މިނިސްޓްރީއަށް ރައްދުވާ ގޮތަށް ނުވަ މައްސަލައެއް ހުށަހަޅާފައިވާއިރު އިކޮނޮމިކް މިނިސްޓްރީއަށް ރައްދުވާ ގޮތަށް 11 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުގެ ތަފާސް ހިސާބުން ދައްކަ އެވެ.

ތަފާސް ހިސާބުތަކަށް އިތުރަށް ބަލާއިރު މިދޔަ ޖޫން މަސް ނިމުނު އިރު ދައުލަތައް ދައުވާ ލިބޭ 111 މައްސަލައެއް އެކި ކޯޓުތަކުގައި އެބައޮތެވެ. އެންމެ ގިނަ މައްސަލަ އޮތީ ސިވިލްކޯޓުގަ އެވެ. އެކޯޓުގައި 67 މައްސަލަ އެބައޮތެވެ. ހައިކޯޓުގައި 15 މައްސަލަ، ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގައި 14 މައްސަލަ، މެޖިސްޓްރޭޓް ކޯޓުތަކުގައި 10 މައްސަލަ އަދި ސުޕްރީމް ކޯޓުގައި ފަސް މައްސަލަ އޮތްކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.