ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހަޅާއިރު، ސަރުކާރާ މަޝްވަރާ ނުކުރާތީ، އެ ޕާޓީގެ ނިޔަތާމެދު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ސުވާލު އުފައްދައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް ދޭން ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެއްވެސް ދިރާސާއެއް ކުރުމެއްނެތި ދައުލަތުގެ ބަޖެޓަށް މާލީ ބޮޑު ބުރައެއް ކުރިމަތިވާ ގޮތަށް މަޖިލީހުގެ ބަސް ބުނަން އުނދަގޫވާނެ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި، ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން އެފަދަ ބިލްތައް ހުށަހަޅާއިރު، ދުރާލާ ސަރުކާރާ މަޝްވަރާކުރަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ދައުލަތަށް ނުއުފުލޭ ވަރުގެ ބުރައެއް ކުރިމަތިކުރުވާކަމަކަށް މަޖިލީހުން ބަސް ބުނަން ވަރަށް ދަތިވާނެ. ބިލްތައް ހުށަހަޅާއިރު އެމްޑީޕީ މެންބަރުން ވެސް އަމަލުކުރާ އުސޫލުން ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން ޖޭޕީ ވެސް ސަރުކާރާ މަޝްވަރާ ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
އެގޮތަށް އަމަލުނުކޮށް ދައުލަތަށް ނުއުފުލޭ ފަދަ މާލީ ބުރައެއް ކުރިމަތިވެދާނެ ފަދަ ބިލްތައް ހުށަހެޅުމަކީ ޖޭޕީގެ ނިޔަތާމެދު ސުވާލު އުފެދޭކަމެއް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން އިތުރު ހިދުމަތްތައް ފޯރުކޮށްދޭން ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް، އެއްވެސް ދިރާސާއެއް ނުކޮށް ހަމައެކަނި މާލީ އިނާޔަތް ބޮޑުކުރުމަށް ތާއީދު ކުރަން ދަތިވާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ބިލަކަށް ތާއީދުކުރަން އެމްޑީޕީ މެންބަރުންނަށް ވަރަށް ދަތިވާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުންވެސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމައެކަނި މާލީ އެހީތެރިކަން ބޮޑުކޮށްދީގެން ނުފުދޭ ކަމަށާއި، އެފަދަ މީހުންނަށް ވަށާޖެހޭ ނިޒާމެއްގެ ދަށުން އިތުރު އިންތިޒާމްތައް ހަމަޖައްސައިދޭންޖެހޭ ކަމަށެވެ.
އެ ގާނޫނުގައި މިހާރު އޮންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރާތަކަށް ކޮންމެ މަހަކު މަދުވެގެން 2000 ރުފިޔާގެ ގެ އިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.
މިއަދު މަޖިލީހަށް ނާޒިމު ހުށަހެޅުއްވި ބިލުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށެވެ. އަދި ދަފުތަރުން އެ މީހަކު އުނިކުރާ ދުވަހާ ހަމައަށް އެއިން ކޮންމެ މީހަކަށް ކޮންމެ މަހަކު 5000 ރުފިޔާ އާއި 7000 ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.
އަދި ނުކުޅެދުންތެރި ކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ ފަރާތްތަކަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެ މީހުންނަށް މިހާރު ލިބޭ މާލީ އިނާޔަތްތައް އިތުރުވެގެން ކަމަށެވެ.