ޓެކުހާއި ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅެންވާނީ ހަމައެކަނި ސަރުކާރުގެ ފަރާތުންކަމަށް، ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް ދޭން ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ޓެކްސާއި ދައުލަތުގެ ބަޖެޓުން ފައިސާ އިތުރުކުރުމާބެހޭ ބިލްތައް ހުށަހަޅަންޖެހޭނީ ސީދާ ސަރުކާރުން ކަމަށެވެ.
އެގޮތުން، ފައިސާއާ ގުޅޭ ކަންކަމުގެ ބިލުތައް ސަރުކާރަށް އެކަނި ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް 2015 ވަނަ އަހަރު ގެނައި ބަދަލަށް ތާއީދުކުރައްވާކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައިއޮތީ ފައިސާއާ ގުޅޭ ކަންކަމުގެ ބިލުތައް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް. ދެން މި ބިލު ހުށަހެޅީމާ އަޅުގަނޑު މި ބެލީ މިވާގޮތެއް. ދެން މި އެނގުނީ ސަރުކާރަށް ހަމައެކަނި ހުށަހެޅޭގޮތަށް އޮންނަނީ ސީދާ ޓެކްސްއާ ގުޅޭ ބިލްތައް ކަމަށް މިހާރު ގަވައިދު އިސްލާހުކޮށްފައިވާކަމަށް. އެކަމަކު އެއީ އެކަން ވާންޖެހޭނެ ގޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން އިތުރަށް ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓުން ސީދާ ފައިސާ އިތުރުކުރެވޭގޮތަށް އޮންނަ ބިލްތައް ހަމައެކަނި ސަރުކާރަށް ހުށަނޭޅޭނަމަ، ސަރުކާރަށް ޖެއްސުންކުރުމުގެ ފުރުސަތު އިދިކޮޅު މެންބަރުންނަށް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ މި ބިލު ހުށަހެޅީ ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި އެއް ނޫން. ނޫނީ މިބަލަށް ތާއީދު ނުކުރާ ވާހަކައެއްވެސް ނޫން. އެކަމަކު ގަވައިދު އެގޮތަށް އިސްލާހުކޮށްފައި އޮތުމުން، އެ ފުރުސަތު އިދިކޮޅު މެންބަރުންނަށް އެބަ ލިބެއޭ،" އަލީ ހުސެއިން ފާހަގަކުރެއްވި އެވެ.
އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހަޅާއިރު، ސަރުކާރާ މަޝްވަރާ ނުކުރާތީ، އެ ޕާޓީގެ ނިޔަތާމެދު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ސުވާލު އުފައްދާފައިވަނިކޮށެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި، ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން އެފަދަ ބިލްތައް ހުށަހަޅާއިރު، ދުރާލާ ސަރުކާރާ މަޝްވަރާކުރަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ދައުލަތަށް ނުއުފުލޭ ވަރުގެ ބުރައެއް ކުރިމަތިކުރުވާކަމަކަށް މަޖިލީހުން ބަސް ބުނަން ވަރަށް ދަތިވާނެ. ބިލްތައް ހުށަހަޅާއިރު އެމްޑީޕީ މެންބަރުން ވެސް އަމަލުކުރާ އުސޫލުން ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން ޖޭޕީ ވެސް ސަރުކާރާ މަޝްވަރާ ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުންވެސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމައެކަނި މާލީ އެހީތެރިކަން ބޮޑުކޮށްދީގެން ނުފުދޭ ކަމަށާއި، އެފަދަ މީހުންނަށް ވަށާޖެހޭ ނިޒާމެއްގެ ދަށުން އިތުރު އިންތިޒާމްތައް ހަމަޖައްސައިދޭންޖެހޭ ކަމަށެވެ.
އެ ގާނޫނުގައި މިހާރު އޮންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރާތަކަށް ކޮންމެ މަހަކު މަދުވެގެން 2000 ރުފިޔާގެ ގެ އިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.
މިއަދު މަޖިލީހަށް ނާޒިމު ހުށަހެޅުއްވި ބިލުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށެވެ. އަދި ދަފުތަރުން އެ މީހަކު އުނިކުރާ ދުވަހާ ހަމައަށް އެއިން ކޮންމެ މީހަކަށް ކޮންމެ މަހަކު 5000 ރުފިޔާ އާއި 7000 ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.
އަދި ނުކުޅެދުންތެރި ކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ ފަރާތްތަކަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެ މީހުންނަށް މިހާރު ލިބޭ މާލީ އިނާޔަތްތައް އިތުރުވެގެން ކަމަށެވެ.