ހަބަރު

ޖޭއެސްސީގެ ތަހުގީގު ކޮމެޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި

Jul 9, 2019

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ތަހުގީގު ކޮމެޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޖޭއެސްސީ އިން ކުރި އިއުލާނެއްގައި ވަނީ ކޮމިޝަނުގެ ތަހުގީގު ކޮމެޓީތަކުގައި ކޮމިޝަނުގެ މެންބަރުން ނޫން ފަރާތްތައް ހިމެނުމަށް ނިންމާފައިވާތީ، އެކޮމިޝަނުގެ މެންބަރު ކަމަށްވާން ހުޅުވާލާ ކަމަށެވެ. އެގޮތުން އެލަވަންސެއްގެ ގޮތުގައި ކޮންމެ ދޮޅުގަޑިއިރުގެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭނެ އެވެ. އަދި އެއަށްވުރެ އިތުރުވާނަމަ އިތުރު 500 ރުފިޔާ ލިބޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

އެމަގާމުގެ ޝަރުތުތަކުގެ ގޮތުގައިވަނީ، މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކަށްވުމުގެ އިތުރުން އުމުރުން 35 އަހަރު ފުރިފައިވުމެވެ. ކުށެއްކޮށްގެން ހުކުމެއް އިއްވާފައިވާ މީހަކުނުވުމާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމެވެ. އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކަށް ނުވުމާއި ބުއްދި ސަލާމަތުން ހުރުމަކީ އެމަގާމުގެ ޝަރުތުތަކެވެ.

މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކުރިން ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި ތަހުގީގު އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޖޭއެސްސީން މިވަގުތު ދަނީ ގިނަ ފަނޑިޔާރުންތަކެއް ސުލޫކީ މައްސަލަތައް ބަލަމުންނެވެ. އާންމުކޮށް އެފަދަ މައްސަލަތައް ބަލަނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ނަގާ ކޮމިޓީއަކުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ނަމަވެސް އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ.