ތިން މަޝްރޫއުއަކާ ގުޅޭ ފައިސާތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
ނިމިގެންދިޔަ ސަރުކާރުގައި ހިނގާއިދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިއަދު އޭސީސީގެ މެންބަރުން ވަނީ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.
އެ ކޮމެޓީގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް އަމާޒުވި ތުހުމަތުތަކާ ގުޅިގެން އެކައުންޓްތަކުގެ ތަފްސީލް ހޯދުމަށް އޭރު ކޮމިޝަނުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭރު އެކަން ކާމިޔާބު ނުވި ކަމަށެވެ.
އެކަމަކު، މިފަހުން ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓްތަކެއްގެ ތަފްސީލްތައް އޭސީސީއަށް ލިބިފައިވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެ ތަފްސީލްތަކަށް ބަލާއިރު ޝައްކު އުފެދޭ މުއާމަލާތްތަކެއް ހިމެނޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މުއައްވިޒު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ވަނީ ޖަމާކޮށްފަ އެވެ. އަދި، ބޭރުގެ ގިނަ ފަރާތްތަކާއެކު ބޮޑެތި މުއާމަލާތްތަކެއް އެ އެކައުންޓްތަކުން ވަނީ ހިންގާފަ އެވެ. އޭސީސީއިން ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކާ ގުޅޭ ވަރަށް ގިނަ ލިޔެކިޔުންތަކާއި ބޭންކް ސްޓޭޓްމެންޓްތައް ދިރާސާކޮށްފަ އެވެ.
އޭގެ ތެރެއިން ފާހަގަވި، ތިން މަޝްރޫއުގެ ފައިސާތަކުގެ މައްސަލަ ބަލަމުން ދަނީ ވަކި މައްސަލައެއްގެ ގޮތުގައި ކޮމެޓީގައި މުއައްވިޒު ވިދާޅުވި އެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލަކަށް ވަޑައިނުގަންނަވަ އެވެ. އެއީ ކޮން މަޝްރޫއުތަކެއް ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.
މީގެކުރިން އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ގުޅިގެން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބެލި އެވެ. އެއީ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އެވެ. އެ ފައިސާތައް ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި ލޯންޑާކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ނުދެ އެވެ.