ހަބަރު

އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ބީއެމްއެލްގެ 38 މުވައްޒަފަކު ބައިވެރިވޭ: އޭސީސީ

Jul 9, 2019
7

މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 38 މުވައްޒަފަކު ބައިވެރިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިއަދު އޭސީސީގެ މެންބަރުން ވަނީ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމެޓީގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޗެކުތައް އެސްއޯއެފްގެ އެކައުންތަކަށް ޖަމާކޮށްފައިވަނީ ބީއެމްއެލްގެ މުވައްޒަފުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ކަމަށެވެ. އެކަމުގައި ބޭންކްގެ އެންމެ ދަށް ފަންތީގެ މުވައްޒަފުންނުން ފެށިގެން މެނޭޖުމެންޓާއި ބޯޑް މެންބަރުން ވެސް ޝާމިލުވާ ކަމަށް މުއައްވިޒު ވިދާލުވި އެވެ.

އެ 38 މުވައްޒަފުންނާ މިކަމުގައި ސުވާލުކޮށް ބަޔާން ނަގަމުންދާ ކަމަށް ވެސް އޭސީސީގެ ރައީސް މިއަދު ކޮމެޓީގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްއިން އެމްއެމްޕީއާރްސީގެ ޗެކްތަކެއް އެސްއޯއެފްއަށް ޖަމާކުރަމުންދާކަން އެމްއެމްއޭގެ ސަމާލު ކަމަށް ގެނައި ކަމަށެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ޗެކްތައް ޖަމާކޮށް ދިނުމަށްފަހު ކަމަށެވެ. އަދި އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން ޗެކްތައް ޖަމާކޮށްފައިވަނީ އެންޑޯސްމަންޓް ފުރިހަމަ ނުވަނީސް ކަމަަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

ނަމަވެސް އެކަން ބީއެމްއެލްއިން މީގެކުރިން ދޮގުކުރި އެވެ. އެ ބޭންކް ބުނަނީ ޗެކްތައް ޖަމާކުރީ އެންޑޯސްކޮށްފައި ހުރުމުން ކަމަށެވެ.

އެމްއެމްއޭއިން މިހާރު މި މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވާފައިވާކަން ވެސް މުއައްވިޒު ފާހަގަކުރެއްވި އެވެ. އަދި މިކަމުގައި ހިމެނޭ މަނީލޯންޑަރިންގެ ބައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ބީއެމްއެލްއަށް ވެސް ބޮޑު ފާޑުކިޔުމެއް އަމާޒުވިއިރު އެ މައްސަލާގައި ކުރީގެ ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތަށް ދައުވާކޮށް، ކުށް ވެސް ސާބިތުވި އެވެ.

ސަރުކާރު ބަދަލުވި ފަހުން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް ކުރިއަށް ނުދެ އެވެ.