ލައިފްސްޓައިލް

ދަރިފުޅުގެ ހޯމްވާކު ހަދަނީ ކާކު؟

މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލަކީ ރަނގަޅުގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމެވެ. ގޭގައި ދަރިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދިނުމަށް އެހެން ހުރިހާ ކަމެއް ދޫކޮށްލައި ކުދިންނަށް ވަގުތު ހުސްކޮށްލައިގެން ތިބޭ މަންމައިން ވަރަށް ގިނަ އެވެ. އެކުދިންގެ ސުކޫލް ފިލާވަޅުތަކަކީވެސް މަންމައިންގެ ބެލުމުގެ ދަށުން ކޮންމެ ދުވަހަކު ކުރާ ކަމަކަށް އޮންނަނީ ވެފަ އެވެ.

އަދި ސްކޫލްގެ ވޯކްލޯޑް ބޮޑުވުމުން ހަދަންޖެހޭ ފިލާވަޅުތަކުން ގެއަށް ހިފައިގެން އަންނަ ފަހަރުތަކުގައި ދަރިފުޅުގެ ބަދަލުގައި މަންމަމެން މި ފިލާވަޅު ހަދާލައި ޖެހިގެން އަންނަ ދުވަހަށް ކުދިންގެ ދަބަސް ޕެކްކޮށްލާ ހަދާލަ އެވެ. މިކަމަކީ ސުކޫލު ޓީޗަރާއި އެހެން ކުދިންގެ މެދުގައި ކުއްޖާއަކީ ކްލާހަށް މަސައްކަތް ނިންމައިގެން އަންނަ ކުއްޖެއް ކަމަށް ކޮންމެހެންވެސް ހެދުމުގެ ބޭނުމުގައި ކުރާކަމަކަށް އޮންނަނީ ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާއަށް އުނގެނުނު އެއްޗެއް ރޯފިލި ކަމެއް ނެތެވެ. ހޯމްވޯކް ދިނުމުގެ އެންމެ މުހިއްމު ބޭނުމަކަށް މި އޮންނަނީ ކްލާހުގައި ދަސްކުރި އެއްޗެއް އަދި އިތުރަށް ގޭގައި ފަރިތަކޮށްލައި ޖެހިގެން އަންނަ ދުވަހަށް އާ އެއްޗެއް ދަސްކުރުމަށް ތައްޔާރުވުމެވެ.

ކުދިންގެ އުގެނުމުގައި ހޯމްވޯކް ވަރަށް ބޮޑު ބައެއް ކުޅެ އެވެ. ހޯމްވޯކް އަކީ އޭގެން ކުއްޖާގެ ވިސްނުން ތަރައްގީ ކުރުމާއި ހަނދާން ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހޯމްވޯކް ގެ ސަބަބުން ކަންކަން އެކަނި ދަސްކުރުމަށް ކުއްޖާއަށް ލިބޭ ފުރުސަތަކެވެ. އަދި އެންމެ ކުޑައިރުއްސުރެ ޒިންމާދާރުކޮށް ކަންކަން ކުރުމަށް ހޯމްވޯކްގެ ސަބަބުން ކުއްޖާއަށް ދަސްވެ އެވެ.

އެހެން ކަމުން ކުދިންގެ ހޯމްވޯކް މައިންބަފައިން ކުރަންވާ ކަމަކީ އެކުދިންނަށް މަގު ދައްކައިދިނުމެވެ. ކުދިންނަށް ހިއްވަރު ދިނުމާއި ނޭނގޭ އެއްޗެއް އޮތްނަމަ އޮޅުން ފިލުވާދިނުމެވެ. އެކުދިން ފިލާވަޅު ހެދި ނުހެދި ތޯ ބަލާ ކޯއްޗެއްތޯ ކިޔަވައިދެނީ ބެލުމުން ކުއްޖާއަށް އަޅާލާ އެ ކުއްޖާގެ ކަންކަން ބަލާނެ މީހެއް އެބަހުރިކަމުގެ އިހްސާސްކުރެވޭނެ އެވެ.

ކިޔަވާ އެއްޗައްކާ ގުޅޭގޮތުން ކުދިންނާ ވާހަކަ ދައްކާ އެއާގުޅޭ އިތުރު މައުލޫމާތު ކުއްޖާއަށް ދެވިދާނެ އެވެ. ލައިބްރަރީ ނުވަތަ އިންޓަނެޓުން މައުލޫމާތު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ އެވެ. ސްކޫލްގައި ދަސްކުރާ ކަމަކާއި ނުވަތަ އެއްޗައްކާއި ގުޅޭ އަމަލީ މަސައްކަތެއް ގޭގައި ކުރުމަށް ކަނޑައަޅާ އެ ކަމަކަށް ވަގުތު ހޯދިދާނެ އެވެ. މީގެ ސަބަބުން އަލަށް ދަސްވާ ހުނަރު އެކުދިންނަށް އަސްލު ހާލަތްތަކުގައި ތަޖުރިބާ ކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

ކުދިންގެ ފިލާވަޅުތައް މައިންބަފައިން ނިންމުމުގެ ބަދަލުގައި ކުދިންނަށް ފިލާވަޅު ހެދުމަށް، ފޮތްކިޔުމަށް އެކަށީގެންވާ މާހައުލެއް ހޯދައިދެވިދާނެ އެވެ. އަދި ފޮތަށާއި ފިލާވަޅުތަކަށް އެކުދިންގެ ސަމާލުކަން ބެހެއްޓުމަށް ޓީވީ އާއި އެހެނިހެން އަޑުތަކާއި ދުރުގައި އެކަހެރި ތަނެއްގައި ކިޔެވުމަށް އާދަކުރުވި ދާނެ އެވެ. ފިލާވަޅު ހެދުމާއި ދަސްކުރުމަށް ބާރުއަޅާ ކަންކަން ދަސްކުރުމަށް ކުއްޖާ ހިތްހަމަޖެހޭގޮތަށް، ދުވަހުގެ ކުރީކޮޅު ކުއްޖާ މާ ބޮޑަށް ވަރުބަލި ނުވަނީސް ކިޔެވުމަށް ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކޮށް ޝެޑިއުލް ރޭވިދާނެ އެވެ.

ތިއީ ދަރިފުޅުގެ ހޯމްވޯކް ހަދާ މަންމައެއް ނަމަ ކުދިންގެ މުސްތަގުބަލަށްޓަކައި އެކަން ހުއްޓާލާ ދަރިފުޅު ލައްވާ ހޯމްވޯކް ހައްދަން އެބަޖެހެ އެވެ.