ދުނިޔެ

އިރާނާ ދެކޮޅަށް އަސްކަރީ ކޯލިޝަނެއް ހަދަން ބޭނުން: އެމެރިކާ

އިރާން އާއި ޔަމަންގެ ކަނޑުގެ ސަރަހައްދުން މުދާ އުފުލާ ބޯޓުފަހަރުގެ ސަލާމަތަށް އަސްކަރީ ކޯލިޝަނެއް ހަދަން ބޭނުންވާކަމަށް އެމެރިކާއިން ބުނެފި އެވެ.

ކޯލިޝަން އުފެއްދުމާއި ބެހޭ ގޮތުން މައުލޫމާތު ދެމުން ދަ ޗެއާމަން އޮފް ދަ ޔޫއެސް ޖޮއިންޓް ސްޓާފް ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވީ، ކޯލިޝަން ހެދުމަށް ހެދި ހުށަހަޅާފައިވާ ޕްލޭންގައި ވާގޮތުން ކޯލިޝަންގައި ހިމެނޭ ގައުމުތަކުން ޕާޝިއަން ގަލްފް އޭރިއާ، އަރަބިއަން ޕެނިޝިއުލާ އަދި އެފްރިކާ ގައުމުތަކުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތެރިވާނެ އެވެ.

"އަހަރުމެން މިދަނީ ގައުމުތަކާއި މަޝްވަރާއި ކުރަމުން ކޯލިޝަން އުފެއްދުމާއި ބެހޭ ގޮތުން، ކޯލިޝަނުން މަސައްކަތްކުރަނީ ރައްކާތެރިކަމާއެކު ވިޔަފާރީގެ ބޭނުމަށް ކަނޑުގެ ސަރަހައްދު ބޭނުން ކުރުމުގެ މަގުފަހި ކޮށްދިނުމަށް" ޖޯސެޕް ޑަންފޯޑް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް ޕެންޓަގަނުން ޕްލޭން އެކުލަވާލައި ގައުމުތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ކޯލިޝަނާއި ގުޅެން ބޭނުންވާ ގައުމުތަށްވެސް ބަލަމުންދާ ކަމަށެވެ.

އެމެރިކާއިން އިސްވެ އޮވެ އަސްކަރީ ކޯލިޝަން އުފައްދަން ނިންމިއިރު، ފާއިތުވި މަސްތަކުގައި އިރާން އަދި ޔަމަނު ކައިރިން ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރުތަކަކަށް ވަނީ ހަމަލާދީފަ އެވެ. ޓޭންކަރަށް ހަމަލާ ދިން މައްސަލައިގައި އިރާން އަދި އެެމެރިކާގެ މެދުގައި ވަނީ ބަހުގެ ބޮޑު އަރައިރުންގަނޑެއްވެސް ހިނގައިފަ އެވެ.

ކޯލިޝަން ހަދައިގެން ބަލަހައްޓަން ނިންމާފައިވާ ކަނޑުގެ ސަރަހައްދުތަކަކީ އެންމެ ގިނައިން ޓޭންކަރުތައް ދަތުރުކުރާ ކަނޑުގެ ސަރަހައްދެވެ.