ހަބަރު

ފެމިލީ ކޯޓުގެ އިސް ގާޒީގެ މައްސަލަ އާދިއްތަ ދުވަހު ފަށަނީ

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ބުނެފި އެވެ.

ޖޭއެސްސީ އިން ބުނީ، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ހުށަހެޅިފައިވާ ދެ ސުލޫކީ މައްސަލަ އަންނަ އާދިއްތަ ދުވަހު މެންދުރުފަހު 1:45 ގައި ޖޭއެސްސީގައި އޮންނާނެ ކަމަށެވެ. ގާޒީ ހަސަން ސައީދުގެ އެދުމުގެ މަތީން އެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ބާއްވަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

ގާޒީ ހަސަން ސައީދާ ގުޅޭގޮތުން ހުށަހެޅިފައިވަނީ ޖިންސީ ފުރައްސައިގެ މައްސަލައެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެ ވާހަކަ ދޮގުކޮށް ޖޭއެސްސީން ބުނެފައިވަނީ ފެމިލީ ކޯޓުގެ އިސް ގާޒީއާ ގުޅޭގޮތުން ތަހުގީގުކުރަމުންދަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، ގާޒީ ހަސަންއާ ގުޅޭގޮތުން ހުށަހެޅިފައިވަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެ މައްސަލާގައި ޖޭއެސްސީން ވަނީ މިދިއަ މަހުން ފެށިގެން ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފަ އެވެ.

ޖޭއެސްސީން ދަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ހަސަން ސައީދުގެ އިތުރުން، ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދާ ބެހޭގޮތުންވެސް ޝަކުވާއެއް ހުށަހެޅުނެވެ. ނަމަވެސް، އެ ޝަކުވާގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ނުކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.