ދުނިޔެ

ޓައިވާނަށް ހަތިޔާރު ނުވިއްކަން ޗައިނާއިން ގޮވާލައިފި

އެމެރިކާއިން ޓައިވާނަށް ވިއްކަން ހަމަޖެހިފައިވާ ދެ ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ވިޔަފާރީގެ މުއާމަލާތް ވަގުތުން ހުއްޓާލުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ގެންގް ޝުއާންގް އެ ވިޔަފާރީގެ މުއާމަލާތަށް ދެކޮޅު ހައްދަވާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޓައިވާނަށް ހަތިޔާރު ވިއްކައިފިނަމަ ޗައިނާގެ މިނިވަންކަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. ގެންގް ޝުއާން ވަނީ އެމެރިކާއިން ޓައިވާނާއެކު އޮންނަ އަސްކަރީ ގުޅުންވެސް ކަނޑާލުމަށް ގޮވާލާފަ އެވެ. އެހެން ނޫނީ އެމެރިކާ އާއި ޗައިނާގެ އެކުވެރިކަމަށް ބުރޫ އަރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ޓައިވާނަށް ހަތިޔާރު ވިއްކައިފިނަމަ މިނިވަންކަމަށް އަދި އިގްތިސާދަށް އަސަރުކުރާނެ، އެމެރިކާއަށް މި ގޮވާލަނީ ވަގުތުން އެ ވިޔަފާރީގެ މުއާމަލާތް ހުއްޓާލުމަށް" ގެންގް ޝުއާންގް ވިދާޅުވި އެވެ.

ހަތިޔާރު ވިޔަފާރީގެ މުއާމަލާތާ ގުޅިގެން އެމެރިކާއިން ޗައިނާއަށް ރައްދު ދީ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާއިން މީގެ ކުރިން ބުނެފައިވަނީ ހަތިޔާރު ގަންނަން އެދުނީ ޓައިވާނުން ކަމަށެވެ. އަދި ޓައިވާނަށް ހަތިޔާރު ވިއްކަން ނިންމީ އެމެރިކާގެ ގައުމީ ސަލާމަތަށް ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ޓައިވާނުން ގަންނަން ބޭނުންވާ ހަތިޔާރުގެ ތެރޭގައި އަބްރަމްސް ޓޭންކްސް އަދި ސްޓިންގާ މިސައިލްވެސް ހިމެނެ އެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ އެގައުމުގެ އަމިއްލަ ބާރު ހިނގަން ޖެހޭ ގައުމެކެވެ. ޓައިވާން އަކީ މިނިވަން ދައުލަތެއްކަމަށް މިހާތަނަށް ގަބޫލުކޮށްފައިވަނީ އެންމެ 20 ގައުމަކުންނެވެ.