ހަބަރު

މަޖިލީހުގައި ގޮނޑި ޖަހާފައިވާ ތަރުތީބު ބަދަލު ކުރަންޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ޖަހާފައިވާ ތަރުތީބު ބަދަލުކުރަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި ގޮނޑި ޖަހާފައި ހުންނަނީ، އެގޮތަށް މަޖިލީހުގެ ގަވައިދުގައި އޮވެގެނެއްނޫން ކަމަށާއި، އެއީ ޒަމާނުއްސުރެ ފަށައިގެން ގޮނޑި ޖަހާފައި ހުރި ގޮތް ކަމަށެވެ. އެންމެ ފުރަތަމަ 1932 ވަނަ އަހަރު ފުރަތަމަ މަޖިލީސް އިށީންއިރު، ރަދުންގެ އަށް މެމްބަރުންނާއި، މާލޭގެ މެމްބަރުން ތިއްބެވީ ކުރީގައި ކަމަށެވެ. އަދި ފަހުން އައިސް ރަސްކަމެއް ދޫކޮށް، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން، 1968 ވަނަ އަހަރުން ފެށިގެން، ރަދުންގެ އަށް މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅި ކުރީ ގޮނޑި ބަރީގައި ތިއްބަވަމުން ގެންދެވި ކަމަށެވެ.

"2008 ވަނަ އަހަރު މިހާރު މި އަމަލު ކުރާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން އޭގެ ދަށުން މަޖިލީހުގެ މެމްބަރުންނަކީ އިންތިހާބީ ދާއިރާތަކުން އިންތިހާބު ކުރާ މެމްބަރުންނަށްވެ، މިހާރު ތި ތިއްބެވި ގޮތަށް އިށީންދެވަޑައިގެން ތި ތިއްބަވަނީ، ކުރިއްސުރެ ފަށައިގެން އެކަން އެގޮތަށް ކުރަމުން އަންނާތީ. އަޅުގަނޑު އަމިއްލަ ގޮތަށް ދެކޭ އިރުގައި އަޅުގަނޑަކަށްވެސް ނުފެނީ މީކީއެއް މި މަޖިލިހުގައި މެމްބަރުން އިށީންދެތިބެންޖެހޭ ގޮތެއް ކަމަށް" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އާންމު ގޮތެއްގައި މަޖިލިސްތަކުގައި މެމްބަރުން އިށީންދެ ތިއްބަަވަނީ އެއްޕާޓީއެއްގެ މެމްބަރުން އެއްދިމާލެއްގައި އަދި އެއިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު މެމްބަރުން އެއާ އިދިކޮޅު ދިމާލެއްގައި ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ކަންކަން ހިނގާނީ މަޖިލިސް މެމްބަރުން ބޭނުންވާ ގޮތަށް ކަމަށާއި، މަޖިލީހުގެ ގޮނޑި ޖަހާފައިވާ ތަރުތީބު ބަދަލު ކުރަންޖެހޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

މަޖިލީހުގައި މިހާރު ގޮނޑި ތަރުތީބުކޮށްފައި ހުންނަނީ، މާލޭ މެމްބަރުން ކުރީ ބަރިތަކުގައި ތިއްބަވާފައި، ހއ. އިން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ހުރި ދާއިރާތަކުގެ މެމްބަރުން އަތޮޅުތަކުގެ ތަރުތީބުން އޭގެ ފަހަތަށް ވާ ގޮތަށެވެ.