ރޭ ފުލުހުންގެ ހާއްސަ ޓީމަކުން ރާއްޖެ ގެނައީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ކަން ޕްރޮފެސާ ހަސަން އުގެއިލް ކަށަވަރުކޮށްދީފި އެވެ.
އުގެއިލް އެއީ ލުތުފީކަން ކަށަވަރުކޮށްދިނީ އޭނާގެ އުފެއްދުމެއް ކަމަށްވާ ފޭސް ރިކޮގިނޭޝަން ޓެކްނެލޮޖީ ބޭނުންކޮށްގެންނެވެ. ރޭ ރާއްޖެ ލުތުފީ ގެނައި ހިސާބުން ގިނަ ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި އެއީ ލުތުފީ ކަމާއިމެދު ޝައްކުވާ ކަމަށް ބުނެ އުގެއިލްގެ ކިބައިން އެއީ ލުތުފީކަން ކަށަވަރުކޮށް ދިނުމަށް އެދެމުންނެވެ.
މިއަދުގެ ވަގުތެއްގައި ލުތުފީގެ ކުރީގެ ފޮޓޯ އަކާއި ރާއްޖެ ގެނައި ވަގުތު ނެތި ފޮޓޯ އެއް ފޭސް ރިކޮގިނޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޅާކިޔުމަށްފަހު އުގެއިލް ވިދާޅުވީ، އެއީ ލުތުފީ ކަމަށެވެ.
ސްރިލަންކާގައި ލުތުފީ ފިލައިގެން އުޅުނީ ކޮންމެވެސް ވަރަކަށް ސިފަ ބަދަލުކޮށްގެން ޒާންގެ ނަމުގައި އާ އައިޑެންޓިޓީއެއް ހަދައިގެނެވެ. އެ ގައުމުގެ ކްރިސްޓިއަން ދީނުގެ މީހަކަށް ވެގެންނެވެ. އާންމުކޮށް ދިވެހިން އުޅޭ ހިސާބަށް ބައެއް ފަހަރު ގޮސް އުޅުނެވެ.
ޕްރެފެސާ އުގެއިލްއަކީ ހިސާބު މާއްދާއިން ޕީއެޗްޑީ ހާސިލް ކުރި ފުރަތަމަ ދިވެއްސެވެ. އުގެއިލް މިހާރު މަސައްކަތް ކުރަމުންދަނީ އިގިރޭސީވިލާތުގެ ބްރެޑްފަޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިޔުޓިންގް ކިޔަވައިދޭ ޕްރޮފެސާ އެއްގެ ގޮތުގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ގެއްލިފައިވާ މީހުންނާއި މަރުގެ މައްސަލަތަށް ބެލުމަށް ހެދި ރިޔާސީ ކޮމިޝަނުންވެސް ދަނީ އުގެއިލްގެ އެހީ ހޯދަމުންނެވެ. އެ ކޮމިޝަނުން ދަނީ އުގެއިލްގެ ޓެކްނޮލޮޖީ އެއްކަމަށްވާ ފޭސް ރިކޮގިނޭޝަން ޓެކްނެލޮޖީ އަދި ދޮގު ހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ ތަހުގީގަށް ބޭނުން ކުރަމުންނެވެ.