ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގޮތުގައި ގައުމީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަނެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފި އެވެ.
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ޗެމްބާ އޮފް ކޮމާސްގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ތަޅުމުން ބިލު ބަލައިގަތުމުން އެ ބިލު އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރި އެވެ.
މަޖިލީހުގެ ތަޅުމުން ބިލު ބަލައިގަންނަން ފާސްކުރި ނަމަވެސް ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ބިލުގައި ހިމެނޭ ބައެއް މާއްދާތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި ބިލަށް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ.
ޗެމްބާ އޮފް ކޮމާސްގެ ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ބިލު މިހާރު އޮތް ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރަސްތަކެއް އެބަ އޮތެވެ. އަދި ޗެމްބާ އޮފް ކޮމާސްގައި ފައުންޑިން މެންބަރުން ތިބެން ޖެހޭނެ ކަމަށް ބިލުގައި އޮތުމުން ބައެއް މެންބަރުން ވަނީ އެ ކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް ބިލު ކޮމިޓީއަކަށް ފޮނުވައި އިތުރަށް ދިރާސާ ކުރަން ތާއީދު ކުރެއްވި އެވެ.
ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ޗެމްބާ އޮފް ކޮމާސްގެ ނަމުގައި ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އުފައްދަން މަޖިލީހަށް ހުށަހެޅިއިރު، މިހާރު ވެސް ގާނޫނީ އޮނިގަނޑަކާ ނުލައި ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ހިންގަ އެވެ.