ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް، އޭނާ ޖަލަށް ގެނައުމަށް ކުރެއްވި މަސައްކަތް ކާމިޔާބު ވިތީ އެކަން ފާހަގަ ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއް ބާއްވަން ނިންމަވައިފި އެވެ.
އުމަރު ވިދާޅުވީ، ލުތުފީ އެމްބަސީގައި ފިލައިގެން އުޅޭކަން ފަޅާ އަރުވާލުމުން އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވީތީ އެކަމުގެ އުފަލުގައި ކާނިވާ ސަރަހައްދުގައި އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާ އެއް ބޭއްވުމުގެ އިންތިޒާތައް ހަމަޖައްސަމުންދާ ކަމަށެވެ.
"ލުތުފީ ފޮރުވައިގެން ގެންގުޅެނިކޮށް އެކަން ފަޅާ އަރުވާލާ، އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ 9.00 ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ އިންތިޒާމްތައް މިގެންދަނީ ކުރަމުން"، އުމަރު ވިދާޅުވި އެވެ.
ސްރިލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ލުތުފީ ފިލައިގެން އުޅޭކަމަށް އެންމެ ފުރަތަމަ ވިދާޅުވީ އުމަރު އެވެ. އެހާ ހިސާބުން ސަރުކާރުން ދިޔައީ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ލުތުފީ ގެނައުމަށް ކުރި މަސައްކަތް ލަސްވީ ލިޔެ ކިޔުންތަށް ނުލިބިގެން ކަމަށް ވަނީ ބުނެފަ އެވެ.
ލުތުފީ ރާއްޖެ ގެނައީ އެމްބަސީގައި ދެ މަސް ވަރުވަންދެން ގެންގުޅުމަށްފަހު ރޭގެ ވަގުތެއްގަ އެވެ. އޭނާ ރާއްޖެ ގެނެސް މިހާރު ވަނީ ކަރެކްޝަން ސާވިސް އާއި ހަވާލުކޮށްފަ އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބޭސް ފަރުވާއަށް ލުތުފީ އިންޑިއާއަށް ފުރުވާލީ 2010 ވަނަ އަހަރު އެވެ. އޭރު އިއްވި ހުކުމުގެ ބާކީ އޮތީ ހަތަރު ވަރަކަށް އަހަރު އެވެ. ނަމަވެސް އޭނާ ފިލި މައްސަލަ ފުލުހުން ވަނީ އަލުން ތަހުގީގު ކުރަން ފަށައިފަ އެވެ. އެހެންވެ އެ މައްސަލައާ ގުޅިގެން ވެސް އޭނާއަށް ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ނުވަ އަހަރު ވަންދެން ލުތުފީ ފިލައިގެން ލަންކާގައި އުޅުނީ އެގައުމުގެ ރައްޔިތަކަށް ހެދިގެންނެވެ.