ކ. ދިއްފުށީގައި ކުޑަ ފިރިހެން ކުއްޖަކަށް ބައްޕައަކު ވަޅިން ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުން ފިރިންމީހާ ވަނީ ވަޅިއެއް ނަގައި އޭނާގެ ދަރިފުޅަށް ބިރު ދައްކާފަ އެވެ. އެ ފޮޓޯތަކާއެކު ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރަން ވަނީ ފަށާފަ އެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ދަނީ ގޮވާލަމުންނެވެ.
ދިއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހީމް ސާޖިދު ވިދާޅުވީ އެ ރަށު ކުއްޖާއަށް ބައްޕަ ވަޅިން ބިރު ދައްކާފައިވަނީ އިއްޔެ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ސާޖިދު ވިދާޅުވި ގޮތުގައި ވަޅިން ބިރު ދެއްކި މީހާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް މިކަން ގެނެސްފައިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އެނގިފައިވާ ގޮތުގައި ހަތް އަހަރުގެ ކުއްޖާއަށް ވަޅިން ބިރުދައްކާފައިވަނީ ކުއްޖާ ގަދަކަމުން އަތުލަން އުޅުމުން ބައްޕަ ކައިރިއަށް ދިއުމަށް އޭނާ ދެކޮޅު ހެދުމުންނެވެ.