ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 130 މިލިއަން ރުފިޔާ ދޭން ނިންމީ އެ ކުންފުނީގެ ބޯޑުން އެކަމަށް އެއްބަސްވާ ކަމަށް އެންގުމުން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި ޑަބްލިއެލްޓީއަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނުމަށެވެ. އެހާ ބޮޑު ބަދަލެއް ދޭން ޖެހުމުން ސަރުކާރުން ވިލާ ކުންފުންޏާއެކު މަޝްވަރާތަކަށް ދިޔަ އެވެ.
ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާގެ ބަދަލުގައި ސަރުކާރުން ޑަބްލިއެލްޓީއަށް 130 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެ އަދަދަކީ ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ދަރަނިތަކަށް ކެނޑުމަށް ފަހު އެއްބަސްވި އަދަދު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެއީ ޑަބްލިއެލްޓީއަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށް އެ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވަނީ ވިދާޅުވެފަ އެވެ. އެ ކުންފުނީގައި އޭނާ 10 ޕަސެންޓް ހިއްސާ އޮވެ އެވެ. އަނެއް 90 ޕަސެންޓް އޮންނަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ވިލާ ޓްރެވެލްސް ކުންފުނީގެ އެވެ.
ޝަރީފް ޓްވީޓާގައި ވިދާޅުވެފައިވަނީ ޑަބްލިއެލްޓީއަށް ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރުމުން ސަރުކާރުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރަށް އަންގާވެސް ނުލާ ވިލާ ހޮޓެލްސްގެ ޓެކްސް ބިލްތައް ސެޓެލް ކުރި ކުރުމަކީ ކަނޑައެޅިގެން ކޮށްފައިވާ ހުކުމާއި ކުންފުނީގެ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސެއިން ހަސަން ވިދާޅުވީ ޑަބްލިއެލްޓީއަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ވިލާ ޝިޕިންއިން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އާއި ޖޫރިމަނާ އުނިކޮށްފައިވަނީ އެގޮތަށް ކަނޑައެޅުމާމެދު އިއުތިރާޒެއް ނުކުރާ ކަމަށް ޑަބްލިއެލްޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ގަރާރެއް ފާސްކޮށް ބަންޑާރަ ނައިބު އޮފީހަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ޑަބްލިއުއެލްޓީއިން ކޯޓަށް ދިޔައީ ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް)އިން ޑަބްލިއުއެލްޓީއަށް ތިން ރަށެއް 2007 ވަނަ އަހަރު ދިނުމަށް ނިންމުމަށްފަހު ވެސް އެ ރަށްތައް ދޫނުކުރި މައްސަލާގަ އެވެ. އޭގެ ބަދަލުގެ ގޮތުގައި އެ ކުންފުނިން ދައުވާކުރީ 112 މިލިއަން ޑޮލަރު ހޯދުމަށެވެ.
ނަމަވެސް އެ އަދަދު ބަދަލުގެ ގޮތުގައި ސުޕްރީމް ކޯޓުން ނަގައިނުދިނެވެ. ސުޕްރީމް ކޯޓުން ޑަބްލިއުއެލްޓީއަށް ދޭން އަމުރުކުރި 200 މިލިއަން ރުފިޔާއަކީ ފައިނޭންސް ކޯސްޓްގެ ގޮތުގެ ބަދަލުގެ ހޯދަން އެދުނު އަދަދެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އެ އަދަދަކީ ޑަބްލިއުއެލްޓީގެ ފަރާތުން ވިލާ ކުންފުނީގެ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ނެގި ލޯނެއް، އިންޓްރެސްޓާއެކު އަރާފައިވާ މިންވަރުކަން އޮޑިޓް ރިޕޯޓުން ސާފުވާ ކަމަށެވެ.