ހަބަރު

ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުން ބައިވެރިވާ ވާހަކަ ދޮގުކޮށްފި

Jul 10, 2019
15

މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއް ޝާމިލުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވަނިކޮށް، އެ ވާހަކަތައް މިއަދު ބޭންކުން ދޮގުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް އިއްޔެ އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް އެ ކޮމެޓީގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޗެކުތައް އެސްއޯއެފްގެ އެކައުންތަކަށް ޖަމާކޮށްފައިވަނީ ބީއެމްއެލްގެ މުވައްޒަފުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ކަމަށެވެ. އެކަމުގައި ބޭންކްގެ އެންމެ ދަށް ފަންތީގެ މުވައްޒަފުންނުން ފެށިގެން މެނޭޖުމެންޓާއި ބޯޑް މެންބަރުންނާއެކު 38 މީހުން ޝާމިލުވާ ކަމަށް މުއައްވިޒު ވަނީ ވިދާޅުވި އެވެ.

އެ 38 މުވައްޒަފުންނާ މިކަމުގައި ސުވާލުކޮށް ބަޔާން ނަގަމުންދާ ކަމަށް ވެސް އޭސީސީގެ ރައީސް މިއަދު ކޮމެޓީގައި ވިދާޅުވި އެވެ.

ނަމަވެސް، އެ ވާހަކަތަކާ ގުޅިގެން ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި އެ ބޭންކުގެ މުވައްޒަފުންތަކެއް ޝާމިލުވެފައިވާކަމަށް ދޭހަވާގޮތަށް ދެކެވުނު ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެމުންދަނިކޮށް، ފުރިހަމަނުވާ ތަހުގީގަކާއި ގުޅިގެން ހަގީގަތާއި ހިލާފު މައުލޫމާތެއް ހާމަކުރުމުން އެކަން ކުށްވެރިކުރާ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށްކުރި އޮޑިޓުތަކުގައި ބޭންކުގެ އެއްވެސް މުވައްޒަފަކު ގާނޫނުތަކާއި ނޫނީ އުސޫލާ ހިލާފަށް އެއްވެސް ކަމެއްކޮށްފައިވާ ކަން ފާހަގަވެފައިނުވާކަމަށް ބޭންކުން ބުންޏެވެ.

"މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެބަޔަކަށް
ބަރޯސާވާ ބައިނަލްއަގުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުޢާމަލާތްތައް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ވާހަކަވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެގެ ކޮމިޓީގައި މުއައްވިޒު ވަނީ އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން ޗެކްތައް ޖަމާކޮށްފައިވަނީ އެންޑޯސްމަންޓް ފުރިހަމަ ނުވަނީސް ކަމަަށް އަނެއްކާވެސް ވިދާޅުވެފަ އެވެ.

މީގެ ކުރިންވެސް އެކަން ދޮގުކޮށްފައިވާއިރު، މިއަދުވެސް ބީއެމްއެލް އިން ބުނީ އެސްއޯއެފްގެ ޗެކްތައް ޖަމާކުރުމުގައި އަމަލުކޮށްފައިވަނީ ގާނޫނާ އެއްގޮތް ވާ ގޮތަށެވެ.

އަދި އެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ބޭންކަށް އެންޑޯސްކޮށްގެން ޖަމާކުރަން ހުށަހަޅާ ހުރިހާ ޗެކްތަކަށްވެސް އަމަލުކުރާ އުސޫލުން އެމްއެމްޕީއާރުސީގެ ޗެކްތައްވެސް ޖަމާކޮށްފައިވަނީ ވަކި ތަފާތުކުރުމެއްނެތިކަމަށް އެ ބަޔާނުގައި އިތުރަށް ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރުސީ ގެ މައްސަލައާ ގުޅިގެން ކުރާ ތަހުގީގުތަކަށް ކުރިޔަށްއޮތްތާނގައިވެސް މި ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"އަދި މިބޭންކުން އެދެނީ ވީހާވެސް އަވަހަކަށް ތަހުގީގު ނިންމައި، މި ބޭންކުގެ ބައިވެރިވުން މި ހިޔާނާތުގައިވާކަމަށް ދެކެވޭވާހަކައަށް ނިމުމެއް އައުމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.