އެކި މީހުންގެ ގައިގައި ސަރުބީ ގިނަވެ މަސް ޖަހަނީ އެކި ތަންތަނުގަ އެވެ. ހަށިގަނޑުގައި އިތުރުވާ ފެޓްސް ބުރަކައްޓާއި އުނަގަނޑާއި އަތާއި ފައިގެ ފަލަމަސްގަނޑުގައި ޖަހަ އެވެ. ބުރަކަށީގައި ޖަހާ މަސްތަކަކީ ވަރަށް ގަދައަށް ކަސްރަތު ކުރިޔަސް ދުއްވާލަން އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ.
ބުރަކަށީގެ މަސްތަކަކީ މީހާގެ މައިބަދައަށް ސަޕޯޓް ދީ ހަރަކާތްތެރިވުމަށާއި ކޮނޑާއި މެއާއި އަދި ކޯ ހިފަހައްޓައި މީހާގެ ޕޯސްޗާ ހިފަހައްޓަން އެހީތެރިވެދޭ މަސްތަކެކެވެ. ބުރަކަށީގައި މަސްޖެހުމާއި މީހާގެ ހޯމޯންސްއާ ވެސް ގުޅިފައިވެ އެވެ.
ވަރަށް އާއްމު ޑިސްއޯޑާއެއް ކަމަށްވާ ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް ހުރެފައި ހަށިގަނޑުގެ ބަރުދަން އިތުރުނަމަ ބުރަކަށީގައި އާދަޔާ ހިލާފަށް މަސްޖެހުން ވަރަށް ގާތެވެ.
ބުރަކަށީގައި ޖަހާ މި މަސްތައް ދުއްވާލަން ކާޑިއޯ ކަސްރަތު ކުރެވިދާނެ އެވެ. މިގޮތުން ފެތުމާއި ދުވުން، މި މަސްތައް ވިރުވާލަން އެހީތެރިވާނެ އެވެ.
ބެންޓް އޯވަ ރޯ
ފައި މީހާގެ އުނަގަނޑުގެ ފުޅާމިނަށް ބެހެއްޓުމަށްފަހު ކުރިމައްޗަށް ގުދުވެލާށެވެ. އަދި ބުރަކަށި ހަމައަށް ބެހެއްޓުމަށްފަހު ކޮނޑާއި އެއްވަރަށް ޑަމްބެލްސް އެއްކޮށް ތިރިއަށް ވާގޮތަށް ބަހައްޓާށެވެ. މިހެން ބެހެއްޓުމަށްފަހު މަޑުމަޑުން ޑަމްބެލްސް ގަޔާއި ކައިރިއަށް ގެންނާނީ އެވެ. ގެންނަ އިރު އުޅަނބޮށި ގައިގެ ފަހަތަށް އަންނާނެ އެވެ. އަދި ކޮނޑު ފިއްތާލާ މޭ ރަނގަޅަށް ހުޅުވާލާށެވެ. ކޮންޓްރޯލާއެކު އަލުން ތިރިއަށް ގެންދާނީ އެވެ.
މިގޮތަށް 15 ފަހަރުގެ ތިން ސެޓް ހަދާށެވެ.
އެލް ރެއިޒް
މިއީ ކޮނޑާއި ބުރަކައްޓަށް ވަރަށް ފައްކާ ކަސްރަތެކެވެ. މި ކަސްރަތު ކުރުމަށް ފައި އުނގަނޑުގެ ފުޅާމިނަށް ބަހައްޓާ އަތުން ޑަމްބެލްގައި ހިފާ ކޮނޑު ފަހަތަށް ރޯލްކޮށް ބަނޑު ރަނގަޅަށް ހިފަހައްޓާލާށެވެ. ކަނާއަތް ކުރިއަށް ނަގާ ދަމާލާއިރު އަނެއް އަތް ވާތް ފަރާތަށް ދަމާލާށެވެ. މިގޮތަށް އަތް ދަމަލާ އިރު އަތުން އިންނާނީ "އެލް" އަކަރު ހެދިފަ އެވެ. ވިސްނަން ވާނީ އަތް ކޮނޑާއި ހަމައިގައި ބައހައްޓައިގެން މި މޫވް ހަދާށެވެ. އެއް އަތް ނިމުމުން އަނެއް އަތުން ރިޕީޓް ކުރާށެވެ. މިގޮތަށް 15 ރެޕްގެ ތިން ސެޓު ހަދާށެވެ.
ސްޓޭންޑިން ރެއާ ޑެލްޓް ރެއިޒަސް
މި ކަސްރަތަކީ ބުރަކަށީ އަދި ކޮނޑު ވަރުގަދަ ކޮށްދޭނެ ކަސްރަތެކެވެ. މި ކަސްރަތު ކުރުމަށް ފައި އުނަގަނޑުގެ ފުޅާ މިނަށް ބެހެއްޓުމަށްފަހު ކަކޫ ކުޑަކޮށް ލަންބާލައި ކުރިއަށް ގުދުވެލާށެވެ. ގުދުވާއިރު ބުރަކަށި ސީދާ ކޮށްލައި ބަނޑު ރަނގަޅަށް ހިފަހައްޓާށެވެ. އަދި ޑަމްބެލްގައި ހިފައި އަތް ތިރީގައި ކަކުލާއި ދިމާލަށް ހިފަހައްޓާލާށެވެ. މަޑުމަޑުން ޑަމްބެލްތައް އަތް ސީދާކޮށް ބަހައްޓާ އަތް ކޮނޑާއި ހިސާބަށް ގެނެސް ހުޅުވާލާ ދެ ކޮނޑު އެއްކޮށް ފިއްތާލާށެވެ. އަދި މަޑުމަޑުން ފެށި ޕޮޒިޝަނަށް އަތް ގެންދާށެވެ. މިގޮތަށް 15 ރެޕުގެ ތިން ސެޓު ހަދާށެވެ.
ސައިޑް ފޯ އާމް ޕްލޭންކް
ފުރަތަމަ އަރިއަކަށް އޮށޯވަލާށެވެ. އުޅަނބޮށި ކޮނޑުގެ ދަށުގައިވާ ގޮތަށް ބިންމަތީ ޖައްސާ އަތް ދަމާލާށެވެ. ބަނޑުގެ މަސްތައް ރަނގަޅަށް ހިފެހެއްޓުމަށްފަހު ހަށިގަނޑު އެއްކޮށް ހިއްލާލާނީ އެވެ. ފައި ސީދާކޮށް ބަހައްޓާ އެއް ފައި މައްޗަށް އަނެއް ފައި ލާށެވެ. ބިންމަތީގައި ޖެހިފައި އިންނާނީ މީހާގެ އުޅަނބޮއްޓާއި ފައިގެ ތަނބިކައްޓެވެ. އަދި މަތީގައި އިންނަ އަތް އެއްކޮށް މައްޗަށް ދަމާލާށެވެ. މިގޮތަށް 20 އަދި 60 ސިކުންތާއި ދެމެދު ވަގުތުކޮޅަކު ހިފަހައްޓާލާށެވެ. އެއްފަރާތް ހެދުމުން އަނެއް ފަރާތަށް ބަދަލު ކޮށްލަން ވާނެ އެވެ.
ސުޕަމޭން ބޯލް ލިފްޓްސް
މި ކަސްރަތުކުރުމަށް ބިންމަތީ ބަންޑުން އޮށޯވެލާށެވެ. އަދި އެކްސަސައިޒް ބޯޅައެއް ހޯދާ ފައިގެ ތަނބިކަށިން ހިފަހައްޓާލާށެވެ. ދެ އަތް ކުރިއަށް ދަމާލާށެވެ. ބުޑުގެ މަސްތައް އެއްކޮށް ފިއްތާލާ ބޯޅަ ފައިން މައްޗަށް ނެގުމަށް މަސައްކަތް ކުރާށެވެ. އަދި ހަމަ އެވަގުތު މެއިން މީހާ ހިއްލާލާ ދެއަތް އެއްކޮށް ބިންމަތިން ހިއްލާލާށެވެ. މިގޮތަށް 15 ރެޕް ގެ ތިން ސެޓު ހަދަންވާނެ އެވެ.