ގައުމީ ފުޓްބޯޅް ޓީމް

އަކޫއާ އަސަދުﷲ ނުހިމަނައި ގޭމްސްގެ ޓީމު ފައިނަލު ކޮށްފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އެކުލަވާލި، ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން، ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއީ، މާޒިޔާގެ ފޯވަޑް އަސަދުﷲ އަބްދުﷲ ބާކީ ކޮށްފި އެވެ.

މިދިޔަ އަހަރު ނޮވެމްބަރު ތިން ވަނަ ދުވަހު، މެލޭޝިއާ އާ ދެކޮޅަށް ކުޅުނު ގައުމީ ސްކޮޑުން ފުރުސަތު ނުދޭ، ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ވަނީ، ގޭމްސްގެ ސްކޮޑުން ފުރުސަތު ދީފަ އެވެ. އަދި މެލޭޝިއާގެ މެޗުގެ ސްކޮޑުގައި ހިމެނުނު ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ސްކޮޑުން ބާކީ ކޮށްފަ އެވެ.

އަކުރަމް އާއި އަސަދުﷲ ގެ އިތުރުން، މެލޭޝިއާ އަށް ދިޔަ ސްކޮޑުގައި ހިމެނުމަށް ފަހު މި ފަހަރުގެ ސްކޮޑުން ބާކީ ކޮށްފައިވައިވަނީ، މިހާރު ގުރީން ސްޓްރީޓަށް ކުޅެމުން އަންނަ މުހައްމަދު އާރިފް (ބަކާ)، ދަ ގުރޭންޑޭގެ އަހްމަދު އިމާޒު (އާއްކޮ)، މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނި، އަދި މި އަހަރު މާޗް މަހު ސައުދީ އަރަބިއްޔާގައި ބޭއްވި އޭޝިއާ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގެ ސްކޮޑުގައި ހިމެނުނު، ގުރީން ސްޓްރީޓްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) މިފަހަރުގެ ސްކޮޑުގައި ނުހިމެނެ އެވެ. އެ މުބާރާތުގެ ސްކޮޑުގައި ހިމެނުނު އީގަލްސްގެ ހަސަން ރާއީފް އަހްމަދު (ހަންނަ) އަށްވެސް މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައި ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުން ބާކީވީ، ޓީސީގެ މުހައްމަދު ޝާމިރު އަދި 23 އަހަރުން ދަށުގެ ކޮލިފިކޭޝަން މުބާރާތުގެ ކެޕްޓަން ކަން ކުރީ ޓީސީގެ އައްޒާމް އަބްދުﷲ (އެޑޫ) މިފަހަރު ގައުމީ ޓީމުގެ ޕްރެކްޓިހަށް ނިކުތް ނަމަވެސް، އެ ކުޅުންތެރިންވެސް ފައިނަލު ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ.

އެފްއޭއެމުން ދޭ ޓްރެއިނިން ކޭމްޕަށް މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާ ޓީސީ އިން، ގައުމީ ސްކޮޑްގައި ހިމަނާފައި ވަނީ، އިބްރާހިމް އައިސަމް އެކަންޏެވެ.

ސީނިއާ ގައުމީ ޓީމުން މުޅިން އަލަށް ޖާގަ ދީފައި ވަނީ، ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މުހައްމަދު ޖައިލަމް (އޮގީ)، އީގަލްސްގެ ހައިޝަމް ހަސަން (ބިޑީ) އަދި އައިޝަމް އަށެވެ. އެ ތިން ކުޅުންތެރިން ވަނީ، ސައުދީގައި ބޭއްވި 23 އަހަރުން ދަށުގެ ކޮލިފިކޭޝަން މުބާރާތުގައި ކުޅެފަ އެވެ.

ގައުމީ ޓީމުގެ ސްކޮޑު:

މާޒިޔާ: މުޖުތާޒް މުހައްމަދު (މުޖޭ)، ހުސައިން ނިހާން (ނިހާޓް)، އިބްރާހިމް ވަހީދު ހަސަން (ފެލެއިނީ އިއްބެ)، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ)، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕް)، ހުސައިން ޝަރީފް

އީގަލްސް: އަހްމަދު ރިޒްވާން (ރިޒޭ)، ހުސައިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑީ)، އަހްމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، އަލީ ފާސިރު (ސެންޓޭ)

ގުރީން ސްޓްރީޓް: ސަމްދޫހް މުހައްމަދު (އައްޔަ)، މުހައްމަދު ސާއިފް، އަބްދުﷲ ޔާމީން (ޔާން)، އިބްރާހިމް ލަބާން ޝަރީފް

ޓީސީ: އިބްރާހިމް އައިޝަމް

ދަ ގުރޭންޑޭ: މުހައްމަދު ފައިސަލް

ފޯކައިދޫ: މުހައްމަދު ޖައިލަމް (އޮގީ)