ހަބަރު

ފެނަކައިން ތެޔޮ އެތެރެކުރާނަމަ ކަރަންޓުގެ އަގު 20 ޕަސެންޓް ހެޔޮވާނެ: ސައީދު

ފެނަކަ ކޯޕަރޭޝަންގެ އިންޖީނު ގެތަކަށް ބޭނުންވާ ތެޔޮ އެ ކުންފުނިން އަމިއްލައަށް އެތެރެ ކުރާނަމަ ކަރަންޓުގެ އަގު މިހާރަށްވުރެ 20 ޕަސެންޓް ކުޑަ ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަން ބަލަން ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމުގައި ސައީދު އިއްޔެ ވިދާޅުވީ ފެނަކަ ކުންފުނީގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ސީދާ އެ ކުންފުންޏަށް އެތެރެ ކުރެވޭ ގޮތަށް ހަމަޖެހިފައި ނުވަނީ ތެޔޮ ރައްކާ ކުރާނެ ސްޓޯރޭޖެއް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ އެ ކަމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން އިން އަމިއްލައަށް ތެޔޮ އެތެރެ ކުރާނަމަ ކަރަންޓުގެ އަގަށް އެއްވެސް ހެޔޮ ބަދަލެއް އަންނާނެތޯ މެންބަރަކު ސުވާލު ކުރެއްވުމުން ސައީދު ވިދާޅުވީ ކަރަންޓުގެ އަގަށް ބޮޑު ތަފާތެއްް އަންނާނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް ކީހާވަރެއްތޯ މެންބަރު އަލުން ސުވާލު ކުރެއްވުމުން ސައީދު ވިދާޅުވީ ކަރަންޓުގެ އަގު ގާތްގަނޑަކަށް 20 ޕަސެންޓް ތިރި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ފެނަކައިން ތެޔޮ އެތެރެ ކުރާނަމަ، ކަރަންޓުގެ އަގަށް ބޮޑު ބަދަލެއް އަންނާނެ. ގާތްގަނޑަކަށް ވިއްސަކަށް ޕަސެންޓްވަރު ތަފާތެއް އަންނާނެ،" ސައީދު ވިދާޅުވި އެވެ.

ފެނަކައިން އަމިއްލައަށް ތެޔޮ އެތެރެ ކޮށްގެން ކަރަންޓުގެ އަގު ހެޔޮ ކުރެވެން އޮތް ނަމަވެސް ކަރަންޓްގެ އަގުހެޔޮ ކުރަން އިއާދަކުރަނިވި ހަކަތަ އަށް ދިއުން މާ ރަނގަޅު ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން ކަމަށެވެ.

"ކުރިއަށް އޮތް 10 އަހަރުގެ އަމާޒަކީ އިރާދަކުރެއްވިއްޔާ އާބާދީގެ 70 އިންސައްތައަށް ރިނިއުވަބުލް އެނާޖީ ނިޒާމުން ކަރަންޓް ފޯރުކޮށްދިނުން. އެއީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ އަގުހެޔޮކޮށް ކަރަންޓް ދެވޭނެ ހަމަ އެކަނި ގޮތަކީ،" ސައީދު ވިދާޅުވި އެވެ.

ފެނަކައިން އާންމު ގޮތެއްގައި ތެޔޮ ގަންނަނީ ފިއުލް ސަޕްލައި މޯލްޑިވްސް އިންނެވެ. އަދި ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ގަނެ އެވެ. އެ ގޮތުން ފިއުލް ސަޕްލައި މޯލްޑިވްސްއަށާއި އަމިއްލަ ކުންފުނިތަކަށް ފެނަކައިން ދައްކަން ޖެހިފައިވާ ބައެއް ފައިސާ ދައްކާފައި ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި އާ މެނޭޖްމަންޓް ކުންފުންޏާ ހަވާލުވިއިރު ފިއުލް ސަޕްލައި މޯލްޑިވްސްއަށް 658 މިލިއަން ރުފިޔާ ދައްކަން އޮތެވެ. ނަމަވެސް އޭގެ ތެރެއިން 392 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ދެއްކިފައިވާ ކަމަށެވެ. އަދި އެހެން ކުންފުނިތަކަށް 63 މިލިއަން ރުފިޔާ ދައްކަން އޮތް ކަމަށާއި އޭގެ ތެރެއިން މިހާރު ނުދެއްކި ބާކީ އޮތީ ނުވަ މިލިއަން ރުފިޔާ ކަމަށް ސައީދު ވިދާޅުވި އެވެ.