ހަސަން އަފީފް

ތެލުގެ ވަގު ވިޔަފާރި ކުރި މީހުން އަދިވެސް ކުންފުނިތަކުގައި އެބަތިބި: އަފީފް

ކުރީގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުން ގަވާއިދާ ހިލާފަށް ސަރުކާރު ކުންފުނިތަކަށް ތެޔޮ ވިއްކި އިރު، އޭރު އެ މުއާމަލާތްތަކުގައި ބައިވެރިވެ އިސްކޮށް ތިބި ބައެއް ފަރާތްތައް އަދިވެސް ކުންފުނިތަކުގައި އެބަތިބި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ކަރަންޓުގެ އަގު ހެޔޮ ކުރަން ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އަފީފު ވިދާޅުވީ ކުރީގެ ސަރުކާރުގައި ތެލުގެ އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ތެޔޮ ވިއްކާ ކުންފުނިތަކުން ތެޔޮ ގަނެގެން ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށެވެ. މިދިޔަ ސަރުކާރުތަކުގައި ކަރަންޓުގެ އަގު ބޮޑުވެގެން ދިޔަ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށެވެ.

"މިދިޔަ ސަރުކާރުތަކުގައި ކަރަންޓުގެ އަގު ބޮޑު ވެގެން ދިޔަ އެއް ސަބަބަކީ އެސްޓީއޯއިން ވިއްކާ ތެޔޮ އެފްއެސްއެމްގެ ބޯޓުގައި ގެންގޮސް މި އަޅަނީ އެކި އެކި ރަށްރަށުގެ އިންޖީނުގެތަކަށް، އެކަމަކު ބިލު ހަދާއިރު މި އަންނަނީ ކޮންމެ ވެސް އެހެން މީހެއްގެ ނަމުގައި،" އަފީފު ވިދާޅުވި އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ ފިއުލް ސައިޕްލައިއަށް ކުންފުނިން ކޯޓާ ކޮށްފައިވާ އަގަށްވުރެ މަތީ އަގުތަކަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ މަސްލަހަތު އޮތް ކުންފުންޏަކަށާއި ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ތެޔޮ ގަނެފައިވާ ކަމަށެވެ. ނަމަވެސް އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް އެ ކަން ދޮގު ކުރައްވަ އެވެ.

އެ ކަމަށް އިޝާރާތް ކުރައްވައި އަފީފު ވިދާޅުވީ އެ "ޖަރީމާތައް" ހިންގި ބައެއް މުވައްޒަފުން އަދިވެސް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ފެނަކާގައި ވެސް އެބަތިބި ކަމަށެވެ. އެ މީހުން ކުންފުނިތަކުގައި ބައިތިއްބައިގެން އެ ޖަރީމާތައް ނުހުއްޓުވޭނެ ކަމަށާއި ކަރަންޓުގެ އަގަށް ވެސް ހެޔޮ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ޖެހިގެން މި އުޅޭ މައްސަލައަކީ ހަމަ މީހުން ބައިތިއްބައިގެން މި ކަންތައްތައް ކުރަން އުޅޭތީވެ [ޖެހިގެން އުޅޭ މައްސަލައެއް]. އަޅުގަނޑުމެންނަށް އަނެއްކާ ވެސް ކަރަންޓުގެ އަގު ބޮޑުވެގެން ގޮސްގެން މި އުޅެނީ. މި ޖަރީމާތަކާއި މި ވައްކަންތައް ކުރި މީހުން އަދިވެސް އެ ކުންފުނިތަކުގައި އެބަތިބި އިނގޭތޯ." އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދާ ހަމައަށް ވެސް އެ ފަރާތްތަކަށް ފިޔަވަޅު ނޭޅި އެ ކުންފުނިތަކުގެ ވަޒީފާގައި ތިބުމުން އެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އޭނާ ވަނީ އެފަރާތްތަކާ މެދު ފިޔަވަޅު އެޅުން ލަސްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި ވީހާ ވެސް އަވަހަށް ފިޔަވަޅު އަޅަން ވެސް ސަރުކާރުން ގޮވާލި އެވެ.

"އެ މި މީހުން ވަކިކޮށްގެން ނޫނީ މި ދެންނެވި ގޮތަށް ކަރަންޓު އަގު ހެޔޮ ކުރެވޭކަށް ނެތް. އަދި އިއާދަ ކުރަނިވި ހަކަތައިން މުޅި ކަރަންޓު ހިދުމަތް ދެވޭ ގޮތެއް ނެތް. ތެޔޮ ބޭނުން ކޮށްގެން އަދިވެސް ކަރަންޓް ދޭން އެބަޖެހޭ. އެހެންކަމުން އެ ތަންތަނުގައި ތިބި މި ތެލުގެ ވަގު ވިޔަފާރި ކުރި މީހުން ބައިތިއްބައިގެން ނުވާނެ. މި ކަންކަން ބަލަން ޖެހޭ." އަފީފު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ތެޔޮ ބޭނުން ކޮށްގެން އުފައްދާ ކަރަންޓަށްވުރެ އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓްގެ އަގު ކުޑަ ކަމަށާއި އަގު ހެޔޮކޮށް ކަރަންޓުގެ ހިދުމަތް ދެވެން އޮތް ގޮތަށް ނުދާންވީ ސަބަބެއް ނެތް ކަމަށެވެ.