ދުނިޔެ

ޔޫކޭގެ ތެޔޮ ބޯޓެއް އިރާނުން ހިފަހައްޓަން އުޅުނުކަމުގެ ތުހުމަތު

Jul 11, 2019

ތެހެރާން (ޖުލައި 11) - އިރާނުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިއަ އިނގިރޭސިވިލާތުގެ ތެޔޮ ބޯޓެއް ހިފަހައްޓަން އުޅުނުކަމަށް ތުހުމަތުކޮށްފި އެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ތެޔޮ ބަރުކޮށްގެން ދިޔަ ޓޭންކަރެއް ހުއްޓުވަން އިރާނު ސިފައިންގެ ފަސް ބޯޓެއް ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް، އެ ޓޭންކަރާ ގާތްނުވެ އަނބުރާ ގޮސްފައިވަނީ، އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރެއް ދިން އިންޒާރަކާ ގުޅިގެންކަމަށް ވަނީ ބުނެފަ އެވެ.

އެ ހާދިސާ ހިނގާފައިވަނީ އީރާނުގެ ތެޔޮ ބަރުކޮށްފައިވާ ޓޭންކަރެއް އިނގިރޭސި ސިފައިންގެ އެހީގައި ހިފެހެއްޓުމާ ގުޅިގެން މަސްރަހު ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޖިބްރޯލްޓާގެ ބޭރުން އީރާނުގެ ޓޭންކަރެއް ހިފެހެއްޓި މައްސަލައިގެ ބަދަލު އިނގިރޭސި ވިލާތުގެ ކިބައިން ހިފާނެކަމުގެ އިންޒާރު އިރާނުން ވަނީ ދީފަ އެވެ. އެ ޓޭންކަރު ހިފަހައްޓާފައިވަނީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ ކަމަށް ބުނެ އެވެ. ނަމަވެސް، އެ ތުހުމަތުތައް އިރާނުން ވަނީ ދޮގުކޮށްފަ އެވެ.

އިރާނުން ވަނީ ސައުދީ އަރަބިއްޔާއިން ވެސް އެގައުމުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އިރާނުން ބުނީ ސައުދީން ހިފަހައްޓާފައިވާ ތެޔޮ ޓޭންކަރަކީ އިންޖީނު މައްސަލަ ޖެހި އޮޔާ ބެހިގެން ދަނިކޮށް ހިފަހައްޓާފައިވާ ޓޭންކަރެއް ކަމަށެވެ.