ހަބަރު

ހަރުކަށި ފިކުރުތަކަށްދާ ސަބަބުތަކުގެ ސާވޭ ފޮތް ނެރެފި

ޒުވާނުން ހަރުކަށި ފިކުރުތަކުގެ ޝިކާރައަކަށްވާ ސަބަބުތަކަށް ބިނާކޮށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން "ޔޫތް ވަލްނަރަބިލިޓީ އެސެސްމެންޓް" ސާވޭއެއް ހަދައި އޭގެ ފޮތް މިއަދު ނެރެފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސާވޭގެ ފޮތް ނެރެ ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އެ ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނައި އާއި ޔޫއެންޑީޕީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، މުޖުތަމައުގައި އެއްވެސް ބައެއްގެ އަޅައިލުމެއްނެތި އުޅޭ ޒުވާނުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެފަދަ މީހުނާ މުޖުތަމައާ އޮންނަ ގުޅުން ކުޑަވެ މުސްތަގުބަލު ބިނާ ކުރުމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އަލަށް ހެދި ސާވޭގެ ފޮތުގައި ޒުވާނުން ހަރުކަށި ފިކުރުތަކުގެ ޝިކާރައަކަށްވާ ސަބަބުތައް ދިރާސާކޮށް މައުލޫމާތުތައް ހިމަނާފައިވެއެވެ.

މި ދިރާސާ އިން ދައްކާ ގޮތުގައި ޒުވާނުން ހަރުކަށި ފިކުރުތަކަށް ފަސޭހައިން ވީއްލެނީ ކޮރަޕްޝަނާއި ޑްރަގް އަދި ގޭންގް ތަކުގެ ސަބަބުން ނެވެ. މި ރިސާޗުގައި 28 ރަށަކުން ޖުމްލަ 177 މީހުން ބައިވެރިވެފައިވެ އެވެ.