ހަބަރު

ހަރުކަށި ފިކުރަށް ޒުވާނުން ދަނީ މުޖުތަމައުން ބާކީވުމުން: މާރިޔާ

ހަރުކަށި ފިކުރުތައް ފަދަ ނުރަނގަޅު ކަންކަމަށް ޒުވާނުން ދިއުމުގެ މަގުފަހިވަނީ މުޖުތަަމައުން ބާކީ ކުރެވުމުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޒުވާނުން ހަރުކަށި ފިކުރުތަކުގެ ޝިކާރައަކަށްވާ ސަބަބުތަކަށް ބިނާކޮށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން "ޔޫތް ވަލްނަރަބިލިޓީ އެސެސްމެންޓް"ގެ ނަމުގައި ހެދި ސާވޭގެ ފޮތް ނެރެން ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، މުޖުތަމައުގައި އެއްވެސް ބައެއްގެ އަޅައިލުމެއްނެތި އުޅޭ ޒުވާނުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެފަދަ މީހުނާ މުޖުތަމައާ އޮންނަ ގުޅުން ކުޑަވެ މުސްތަގުބަލު ބިނާ ކުރުމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

ގޭންގު މާރާމާރީއާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލު ކުރުމަށް ސިޔާސަތު ކަނޑައަޅާއިރު މިއަދު އާންމު ކުރި ފަދަ ދިރާސާތަކުގެ ބޭނުން ހިފަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ސިޔާސަތު ކަނޑައަޅާއިރު، ޒަމާނުއްސުރެ ޒުވާނުން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތަކަށް ރިއާއަތްކުރުމަށް މިފަދަ ދިރާސާތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޒުވާނުންނަކީ އެމީހުން އިހްތިޔާރުކުރާ ކޮންމެ ދާއިރާއަކުންވެސް ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ ބައެއް ކަމަށެވެ. އަދި މުޖްތަމައުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަމަށް ޒުވާނުން ގަބޫލުކުރާކަން ދިރާސާއިން ހާމަވާ ކަމަށެވެ.

މިއަދު ނެރުނު ސާވޭ ފޮތުގައި ޒުވާނުން ހަރުކަށި ފިކުރުތަކުގެ ޝިކާރައަކަށްވާ ސަބަބުތައް ދިރާސާކޮށް މައުލޫމާތުތައް ހިމަނާފައިވެއެވެ. މި ދިރާސާ އިން ދައްކާ ގޮތުގައި ޒުވާނުން ހަރުކަށި ފިކުރުތަކަށް ފަސޭހައިން ވީއްލެނީ ކޮރަޕްޝަނާއި ޑްރަގް އަދި ގޭންގް ތަކުގެ ސަބަބުން ނެވެ. މި ރިސާޗުގައި 28 ރަށަކުން ޖުމްލަ 177 މީހުން ބައިވެރިވެފައިވެ އެވެ.