ގައުމީ ފުޓްބޯޅް ޓީމް

ސަމުއްޓޭއަށް އައިއޯއައިޖީން ފުރުސަތު ގެއްލިއްޖެ

ކަކުލަށް ކުރިމަތި ވެފައިވާ އަނިޔާއާ ގުޅިގެން، ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ފުރުސަތު ގެއްލިޖެ އެވެ.

ސަމުއްޓޭގެ ކަކުލު ހުޅުގެ އޭސީއެލްއަށް ވަނީ އަނިޔާ ވެފަ އެވެ. އެ އަނިޔާ އާ ގުޅިގެން، މާޒިޔާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެ އެވެ.

އަނިޔާ ބެހޭގޮތުން ސަމުއްޓޭ ބުނީ، ރިކަވާ ވުމަށް ތިން ހަފުތާ ހޭދަ ވާނެ ކަމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމާއެކު ގޭމްސްއަށް ނުދެވުމުން ދެރަވާ ކަމަށެވެ. އަދި ލީގް އަލުން ފެށެންވާއިރަށް ރިކާވާވެގެން ޕްރެކްޓިހަށް ނުކުތުމަށް އުންމީދު ކުރާ ކަމަށެވެ.

"އިންޝާ ﷲ ބްރޭކްގެ ފަހުން ކުޅެން ނުކުމެވޭނެ ކަމަށް އުންމީދު ކުރަނީ." ސަމުއްޓޭ ވާހަކަ ދެއްކި އެވެ.

ސަމޫހް ސާފް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދެއްކި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާން ގައުމީ ޓީމުގެ ޕްރެކްޓިސް ރޭ ވަނީ ފަށާފަ އެވެ. ގޭމްސްގެ ކުރިން ރާއްޖެއަށް ޕްރެކްޓިސް ކުރަން ލިބޭނީ ފަސް ދުވަހު އެވެ. ގޭމްސްއަށް ވަގުތު ކުޑަތަން ވެފައިވާއިރު އެފްއޭއެމުން އަދިވެސް ގައުމީ ޓީމުގެ ސްކޮޑު އިއުލާން ކޮށްފައެއް ނުވެ އެވެ.

ރޭ ބޭއްވި ޕްރެކްޓިހަށް ނުކުތް ސެންޓްރަލް ޑިފެންޑަރުންނަކީ، އީގަލްސްގެ އަހްމަދު ނޫމާން (ހެލްމެޓް) އާއި ގުރީން ސްޓްރީޓްގެ މުހައްމަދު ސާއިފް އެވެ. ސަމޫހް ޓީމާއެކު ނުދެވުމަކީ ޓީމަށް ކުރިމަތިވާނެ އުނދަގޫ މައްސަލައެކެވެ.

މިދިޔަ އަހަރު ބަނގުލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ރާއްޖެއަށް ހޯދައިދިނުމުގައި ރާއްޖޭގެ ޑިފެންސްގައި ސަމުއްޓޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.