ހަބަރު

އެމްއެމްއޭގެ ތުހުމަތުތަކެއް: ޔާމީންގެ މައްސަލަ ލަސްކުރީ އަޝްރަފު

Jul 11, 2019
15

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނތް މައްސަލަ ފުލުހުންނަށް ހުށަނާޅާ ލަސް ކުރީ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ކަމަށް މޯލްޑިވްސް މަަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތުހުމަތުކޮށްފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފްއައިޔޫ އިން އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ލިބޭ މައުލޫމާތަކާ ގުޅޭ ގޮތުން މިނިވަންކަމާއެކު ފިޔަވަޅު އަޅައި، ކަމާ ބެހޭ ފަރާތްތަކަށް ފޮނުވަން ޖެހޭ އިރު ޝައްކު ކުރެވޭ މުއާމަލާތްތައް ގޮތުގައި އެ ޔުނިޓަށް ލިބިފައިވާ ބައެއް މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ނުފޮނުވައި ލަސްކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް އެފްއައިޔޫގެ ގެ ވެރިޔާގެ މަގާމްގައި އަޝްރަފް ހުންނެވި ދުވަސްވަރުގައި އެ ޔުނިޓަށް ލިބިފައިވާ ރިޕޯޓުތަކާ ގުޅޭ ގޮތުން އޭނާ އަމަލުކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސިޔާސީ އިސް ފަރާތެއް (ރައީސް ޔާމީން)ގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރުމުން އެފްއައިޔޫ އިން އެކަން ތަހުގީގީ އިދާރާތަކަށް ނުފޮނުވާ ލަސްކޮށްފައިވާ ކަމަށާއި އެ މުއާމަލާތާ ގުޅޭ ގޮތުން ފިޔަވަޅު ނާޅައި ބާއްވާފައި އޮތް ކަން އެނގުނީ އަޝްރަފް ރާއްޖޭގައި ނެތް ދުވަސްވަރެއްގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ. އޭގެ އިތުރުން އެފްއައިޔޫގެ މަސައްކަތްތައް ހިނގި ގޮތުގެ ރިޕޯޓެއް ކޮންމެ އަހަރަކު އެކުލަވާލަން ޖެހޭ އިރު އަޝްރަފް ވެރިއަކަށް ހުންނެވި ދެ އަހަރު އެ ރިޕޯޓު ތައްޔާރުކޮށްފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ.

ގަވަނަރު އަހުމަދު ނަސީރު ދިފާއު ކުރައްވާ އެ ބަޔާނުގައި ބުނީ އޭނާ މަސައްކަތްކޮށްފައި ވަނީ އައިއެފްޔޫއަށް ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމުގައި ނަސީރު ހުރަސްތަކެއް އަޅުއްވާފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ.