އެމްއެމްޕީއާރުސީގެ ތެރެ އިން ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އެމްއެމްއޭގެ ހާއްސަ އޮޑިޓެއް ކުރަން ނިންމައިފި އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ މަރުކަޒީ ބޭންކުން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށާއި އެ ބޭންކުން އެކަން ކުރަން ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. ނަސީރު ވިދާޅުވި ގޮތުގައި އެކަން ކުރަނީ، ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު ހޯދައިދިނުމުގެ ބޭނުމުގަ އެވެ.
"އެމްއެމްއޭއަކީ ރާއްޖޭން ބޭރުގެ އެހެނިގެން ބޭންކްތަކާ ގުޅުން ގާއިމް ކުރެވިފައި އޮންނާތީ، އަޅުގަނޑުމެންގެ ބޭރުގެ ރިޒާވްގެ ގިނަ ކަންތައްތަކުގައި އެހެން ބޭންކްތަކާ މުއާމަލާތް ކުރަން ޖެހޭ. އެހެންވެ އަޅުގަނޑުމެން މިހާރު މިވަނީ އެމްއެމްއޭ އިން ވަކިން އިންޑިޕެންޑެންޓްލީ ބޭރުގެ ފަރާތްކާ ހަވާލުކޮށްގެން މި މައްސަލަ ތަހުގީގް ކުރަން ނިންމާފައި،" ނަސީރު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަލްޖަޒީރާ އިން ވަނީ ހާއްސަ ތަގުގީގީ ޑޮކިއުމެންޓްރީއެއް ހަދާފަ އެވެ. "ސްޓީލިން ޕެރަޑައިސް" ގެ ނަމުގައި ގެނެސްދިން މި ޑޮމިއުމެންޓްރީގައި އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވެފައިވާ ގޮތް ކަމަށް ބުނެ އެކި ވާހަކަތައް ގެނެސްދީފައިވެ އެވެ.
"އެއްވެސް ހާލެއްގައި އެވިޑެންސެއް ނޫނީ އެކަން ކުރިކަމަށް [ސްޓީލިން ޕެރަޑައިސް] ގައި ނެތް. އަޅުގަނޑު ދަންނަވާނީ ޒައްރެއްގެ މިންވަރު ވެސް ނޯނާނެއޭ އަޅުގަނޑުމެންގެ [ރާއްޖޭގެ] ހަޒާނާގެ ތެރޭގައި ނަހަމަ ފައިސާއެއް ރައްކާ ކުރުމުގެ. ހާއްސަކޮށް ޔޫއެސް ޑޮލަރަކީ ރާއްޖޭގެ ހަޒާނާގައި ރައްކާ ކުރާ އެއްޗެއްވެސް ނޫން،" ނަސީރު ވިދާޅުވި އެވެ.
ގަވަރުނަރު ނަސީރު ވިދާޅުވީ "އަަލް ޖަޒީރާ" ގެ ޑޮކިއުމެންޓްރީގައި ސީދާ ތުހުމަތުތަކެއް ނެތް ނަމަވެސް، ބޭރު ފައިސާގެ ޕެލެޓް ގެނެސް މަރުކަޒީ ބޭންކުގައި ރައްކާ ކުރުން ފަދަ ވާހަކަތައް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރިކަމަށް ބުނެފައި ނެތް ކަމަށް ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ މި ހާއްސަ އޮޑިޓް ފެށުމުގެ ގޮތުން ޓެންޑާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އޮޑިޓް ނިމުމުން އެމްއެމްއޭ އާއި މާލީ ނިޒާމުގެ ތެރޭގައި މައްސަލައެއް ހުރިކަން ނޫނީ ނެތްކަން ވެސް އެނގިގެންދާނެ ކަމަށެވެ.
"ހަމަ މިއާއެކު އެކަމުގައި އިހުމާލުވާ ފަރާތެއްވާކަން ވެސް އެނގޭނެ. ނިޒާމުގެ ތެރޭގައި ބައެއްގެ އިހުމާލެއް ވާނަމަ އެބަޔަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ. ނަމަވެސް މި ޕްރޮސެސްގެ ތެރޭގައި މުއްސަސާ ބަދުނާމުވާ ގޮތަށް މަސައްކަތް ކުރީމަ ހަގީގަތުގައި އަޅުގަނޑުމެންނަށް މި ދެއްކެނީ ރާއްޖޭގެ ބޭންކިން ނިޒާމާއި ސެންޓްރަލް ބޭންކިން ނިޒާމާމެދު ސުވާލުތަކެއް ކުރުމަކީ ސީރިއަސް ކަމެއް،" ނަސީރު ވިދާޅުވި އެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތަކުގެ ސަބަބުން މުޅި ރާއްޖޭގެ މާލީ ނިޒާމަށް ގެއްލުން ވެގެންދާ ކަމަށެވެ.
"މިފަދަ ކަންކަމުން ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވެގެންދޭ. އެހެންވެ ވަރަށް މުހިންމު ކަމެއް، މީޑިއާގެ ފަރާތްތަކާއި ސިޔާސީ ފަރާތްތަކުން އަދި އެހެން ފަރާތްތަކުން ވެސް ހަބަރެއް ރިޕޯޓް ކުރައްވާއިރު ތެދު މައުލޫމާތު ހޯއްދެވުން،" ނަސީރު ވިދާޅުވި އެވެ.