އާޒިމާ ޝަކޫރު

މުއްސަނދިވާން ފުރުސަތު ލިބުނު، ހިޔާނާތެއް ނުވަން: އާޒިމާ

Jul 12, 2019
19

ދައުލަތަށް ހިދުމަތް ކުރުމުގެ ތެރޭ މުއްސަނދިވެވިދާނެ އެތައް ފުރުސަތުތަކެއް ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް ހިޔާނާތުގެ ފައިސާގައި ދުވަހަކުވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހި ކޮށްދިނުމުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. އެކަމާ ގުޅޭ ގޮތުން އާޒިމާގެ ހިތުގައި ހުރި ބައެއް ޝުއޫރުތައް އޭނާ ރޭ ވަނީ ފޭސްބުކްގައި ލިޔުއްވައިފަ އެވެ.

އާޒިމާ ވިދާޅުވީ ތިން ސަރުކާރެއްގެ ކެބިނެޓުގައި މަސައްކަތްކޮށް، ބޮޑެތި ޒިންމާތައް އުފުލާފައިވާ އިރު މުއްސަނދި ވާން އެތައް ފުރުސަތުތަކެއް އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ފައިސާގައި ދުވަހަކު ވެސް ޖެހި ވަޑައިގެންފައި ނުވާނެ ކަމަށާއި އެފަދަ ހަދިޔާތަކާއި އެ ނޫން ވެސް އެއްޗެއްގައި ހިއްޕަވާފައި ވެސް ނުވާނެ ކަމަށެވެ.

"އުމުރުން 16 އަހަރުން ފެށިގެން މި އަންނަނީ ދައުލަތަށް ހިދުމަތް ކޮށްދެމުން. ކިޔެވުމަށް ނޫނީ އެހެން ހުރިހާ ދުވަސްތަކެއް ހޭދަ ކުރީ ދައުލަތަށް މަސައްކަތް ކޮށްދިނުމުގައި. ބޮޑެތި ޒިންމާތަކާއި ކުރިއެރުން ﷲ އަޅުގަނޑަށް ދެއްވެވި،" އާޒިމާ ވިދާޅުވި އެވެ. "ބޭނުންވި މުއްސަނދިވެވެން އޮތް. އެކަމަކު މައިބަފައިން އަހަރެން ބަލައި ބޮޑުކޮށް ދަސްކޮށްދީފައި ވަނީ އަމިއްލަ މީހާގެ އެއްޗެއް ނޫން ވިއްޔާ އޭގައި ނުޖެހެން، އަދި އަމިއްލަ މީހާއަށް ތެދުވެރިވާން، އެހެންވެ ދުވަހަކު ވެސް އެފަދަ ފައިސާއެއްގައި ޖެހިފައި ނުވާނެ، ހަދިޔާއެއްގައި ނުހިފަން،"

ދިރިއުޅުމުގެ ހާލަތާއި މާލީ ހާލަތު މިހާރު ހުރި ގޮތް އޭނާގެ ގާތް މީހުންނަށް އެނގޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. ނަމަވެސް މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތު ބޮލުގައި އަޅުވާފައިވާ ކަމަށާއި އެއީ ވަޒީފާ އަދާ ކުރި ކަމަށްޓަކައި އުމުރަށް ހިމޭން ކޮށްލުމުގެ ބޭނުމުގައި އުފުލާފައިވާ ދައުވާއެއް ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމުގެ ތަފުސީލު އަޑު އެހުންތަކުގައި ދެއްވާނެ ކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ އެކަނިވެރި މަޔަކަށް ވުން. އެކަމަކު ވެސް މިކަމާ ކުރިމަތިލާނަން. އެއީ އެއްވެސް ނުބައި ކަމެއް ކޮށްފައި ނުވާނެ، ދުވަހަކު ވެސް އެފަދަ ފައިސާއެއްގައި ވެސް ޖެހިފައި ނުވާނެ،" އާޒިމާ ވިދާޅުވި އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގަ އެވެ. އާޒިމާ ވަނީ ރައީސް ޔާމީންގެ ވަކީލްކަން ކުރައްވާފަ އެވެ. ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ވެސް އާޒިމާއަށް ކުރެ އެވެ. އެ ދައުވާ ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތުން ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ ކަމަށް ބުނެ އެވެ.