ޕީޕީއެމް

ޕީޕީއެމް - ޕީއެންސީން ކައުންސިލް އިންތިހާބަށް ތައްޔާރުވާން ފަށައިފި

Jul 12, 2019
3

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިދިކޮޅު ދެ ޕާޓީ ޕީޕީއެމާއި ކޮންގްރެސް ޕާޓީން ބުނެފި އެވެ.

އެ ދެ ޕާޓީގެ މައި އޮފީހުގައި މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސްގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ ރޭ ބޭއްވި އެ ޕާޓީގެ ލީޑާޝިޕްގެ ބައްދަލުވުމުގައި އަތޮޅުތަކު ތެރޭގައި ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށާއި ގޮތުން ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ. އަތޮޅަށް ދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފެށުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ އިތުރު މަސައްކަތް ކުރިޔަށް އޮތްތަނުގައި ވެސް ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދެ ޕާޓީ ގުޅިގެން މިހާރު މި ފަށަނީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް، އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނިންމާ، ރައީސް އަބްދުﷲ ޔާމީނާއެކު ފުރަތަމަ ދަތުރު ފަށާނީ ހއ. އަތޮޅަށް،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ދެ ޕާޓީން ކުރިޔަށް ދާނެ ގޮތްތަކާ މެދު ބޮޑެތި ރޭވުންތަކެއް ރާވަމުން އަންނަ ކަމަށާއި ބޮޑަށް ފޯކަސް އޮތީ އަތޮޅުތަކުގެ ތެރޭގައި ސިޔާސީ ހަރަކާތް ހިންގުމަށް ކަމަށެވެ. އެގޮތުން ދެ ޕާޓީއަށް މީހުން އިތުރު ކުރުމާއި މުޒާހަރާ ކުރުމުގެ ހަރަކާތްތައް ވެސް ކުރިޔަށް ދާނެ ކަމަށް އޭނާ ދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅު ރެލީތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމުން ސަރުކާރަށް ވަރަށް ޕްރެޝަަރު ކުރާ ކަމަށެވެ. އެއީ އެ މަނިކުފާނުގެ ތަރައްގީއާ މި ސަރުކާރަށް އެއް ހަމަ ނުކުރެވޭނެ ކަން އެނގޭތީ ކަމަށާާއި އެހެން ކަމުން ވީހާވެސް އަވަހަށް ރައީސް ޔާމީންގެ ޝަރީއަތް ފަށަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ސިޔާސީ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.