ރަވީ ފާރޫގުގެ ޑައިރެކްޝަނުގެ ދަށުން ނެރޭ ވެބް ސީރީޒް "އެހެނަސް" އަންނަ އަންގާރަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.
ފިލްމީ ދާއިރާއަށް މުޅިން އާ މޫނުތަކަކާއެކު ގެންނަ މި ސީރީޒް އޮލިމްޕަހުގައި ޕްރިމިއާކުރާ ދުވަހު، ފުރަތަމަ ފަސް އެޕިސޯޑު ވެސް ދައްކާނެ އެވެ.
މި ވެބްސީރީޒްގެ ޑައިރެކްޓަރު ރަވީ ބުނީ މިއީ ކުޑަ ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ސީރީޒެއް ކަމަށެވެ. އަދި، އެ ކުއްޖާގެ ދިރިއުޅުމާއި ގުޅުވައިގެން މުޖުތަމައުގައި ހިނގާ އެތައް އިޖުތިމާއީ މައްސަލަތަކެއް މި ސީރީޒްގައި ދައްކުވައިދޭނެ ކަމަށް ރަވީ ބުންޏެވެ.
ދެ ސީޒަނަކަށް ގެނެސްދޭ މި ވެބް ސީރީޒް އޮލިމްޕަހުގައި ޕްރިމިއާ ކުރުމާއެކު ބައިސްކޯފު އެޕްލިކޭޝަނުން ވެސް ބެލޭނެ ކަމަށް "އެހެނަސް" ގެ ޓީމުން ބުނެ އެވެ. އަދި 100 ރުފިޔާ އަށް ޕްރިމިއާ ނައިޓްގެ ޓިކެޓުތައް މިހާރު ވިއްކަން ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
މި ސީރީޒްގެ ލީޑު ތަރިންގެ ގޮތުގައި ހިމެނޭ ގިނަ ކުދިންނަކީ ޓިކްޓޮކް އިން މަގުބޫލުކަން ހޯދި ކުދިންނެވެ. ލީޑް ރޯލު ދީފައިވާ މުހައްމަދު ވިޝާލްގެ އިތުރުން، ޝީލާ ނަޖީބާއި މުހައްމަދު މަނިކުވެސް މި ސީރީޒްގައި ފެންނާނެ އެވެ.