ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ސިއްހީ ދާއިރާގެ ބަސްމަގަށް އަހުލުވެރިކުރާ ޕްރޮގްރާމެއް ފަށައިފި

ސިއްހީ ދާއިރާގައި ބޭނުން ކުރާ ބަސްމަގަށް އަހުލުވެރި ކުރާށާއި ބަލިތައް ދެނެގަތުމަށް ހެލްތު މިނިސްޓްރީ އާއި އިންޓަނޭޝަނަލް ސްޓެޓިސްޓިކަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް ގުޅިގެން މާލޭގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ ބަލިތަކާއި ބައެއް ބަލިތަކުގައި މީހުން މަރުވާ ސަބަބާ ގުޅޭ ތަފާސްހިސާބުތައް އެއްކުރަން ދުނިޔޭގެ ސިއްހަތު ޖަމްއްޔާއިން އެކުލަވާލާފައިވާ ކޯޑިން ނިޒާމެއްގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

ހޮޓަލް ޖެންގައި ރޭ ފެށި މި ތަމްރީނު ޕްރޮގްރާމް އިފްތިތާހު ކޮށް ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

މި ޕްރޮގްރާމްގައި ބައިވެރިން ސިއްހީ ދާއިރާގެ ބަސްތަކާއި ބަސްމަގަށް އަހުލުވެރި ކުރުމާއެކު ބަލިތަކުގައި މަރުވާން ދިމާވާ ސަބަބު ބައިނަލްއަގްވާމީ މިންގަނޑަކަށް ކޯޑު ކުރެވި ޑަބްލިޔޫއެޗްއޯއިން ގަބޫލުކުރާ ފެންވަރަށް ސިއްހީ ތަފާސް ހިސާބު ބަލަހައްޓަން މަގު ފަހި ކުރާނެ އެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރާއި އަމިއްލަ ހިދުމަތް ދޭ ފަރާތްތައް ހިމެނޭ ގޮތަށް 60 މީހަކު ބައިވެރިވެ މި މަހުގެ 28 އާ ހަމައަށް ތަމްރީނުތައް ކުރިޔަށް ގެންދާނެ އެވެ.