ވިޔަފާރި

މަސް ގަތުމުގެ ޒޯން ހުއްދަ އުވާލައި މުޅިރާއްޖެ އަށް ހުޅުވާލަނީ

Jul 13, 2019

މަސް ކުންފުނި ތަކަށް ދޫކޮށްފައިވާ ޒޯން ހުއްދަ އުވާލައި މުޅި ރާއްޖެއަށް ހުޅުވާލަން ސަރުކާރުން ތައްޔާރު ވެއްޖެ އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިހާރު މަސް ގަންނަމުން ގެންދަނީ ޒޯން ތަކަށް ބަހާލައިގެން ކަމަށާ، ނަމަވެސް ޒޯން ހުއްދަ އުވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށާ ޒޯންތައް އުވާލުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ދިރާސާކޮށް، އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

"ޒޯން ތަކަށް ބަހާލައިގެން މަސް ގަންނަމުން ދިއުމަކީ ހުޅުވާލެވިދާނެ ކަމެއް. ކޮންމެ ރަށަކުން ކޮންމެ މީހަކަށް މަސް ގަތުމުގެ ފުރުސަތު ހުޅުވާލުމަކީ ކުރެވިދާނެ ކަމެއް. އޭގެ ނަތީޖާ އާއި އޭގެން ލިބޭނެ ފައިދާ އިތުރުވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މިހާރު އޮންނަ ގޮތުން މަސް ކުންފުނިތަކަށް މަސް ގަނެވޭނީ ހުއްދަދޭ ސަރަހައްދު ތަކަކުންނެވެ. މަސް ގަންނަ ޒޯންތަކެއް ކަނޑައަޅާފައިވަނީ 1990 އަހަރު ގެ ކުރީކޮޅު އެވެ. މި ހުއްދައިގެ ދަށުން ލ. އަދި ތ. އަތޮޅުގައި މަސް ގަންނަނީ ވިލާ ކުންފުނީގެ ހޮރައިޒަން ފިޝް އިންނެވެ. އަދި ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މަސް ގަންނަނީ ގއ. އަދި ގދ. ގެ އިތުރުން ޅ. އަތޮޅުގަ އެވެ. އަދި މިނޫން ވެސް އެހެން ކުދި ކުންފުނިތައް މަސް ގަތުމުގައި ހަރަކާތެރިވެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަށް އަހަރަކު ގާތްގަނޑަކަށް 150،000 މެޓްރިކް ޓަނުގެ މަސް ބާނަ އެވެ. މީގެތެރެއިން މިފްކޯ އަށް 42،000 ޓަނުގެ ކިރުވަ އެވެ.