ދުނިޔެ

ސޯމާލިއާގެ ހޮޓަލަކަށް ހަމާލާދީ 26 މީހުން މަރާލައިފި

ސޯމާލިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް ޝަބާބުން އިއްޔެ އެ ގައުމުގެ ހޮޓަލަކަށް ދިން ހަމަލާތެކެއްގައި 26 މީހަކު މަރުވެ 50 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ސޯމާލިއާގެ ކިސްމަޔޯގައި ހުންނަ ސިއެގޯ ހޮޓަލަށް އެންމެ ފުރަތަމަ އަލް ޝަބާބު ޖަމާއަތުން ހަމަލާދީފައި ވަނީ ޖާނު ފިދާ ވެގެނެވެ. އެއަށްފަހު އެ ސަރަހައްދުގައި ތިބި މީހުނަށް ވަނީ ބަޑިން ހަމަލާދީފަ އެވެ. ސޯމާލިއާގެ ސަލާމާތީ ބާރުތަކާއި ދެމެދު 14 ގަޑިއިރު ވަންދެން އަލް ޝަބާބު އިން ވަނީ ހަމަލާ ބަދަލު ކޮށްފަ އެވެ.

މި ހަމަލާތަކުގައި އެ ގައުމުގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ވެސް އަވަހާރަވި އެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބައެއް ނޫސްވެރިންނާއި ސޯމާލިއާގެ އަސްކަރިއްޔާގައި ހިމެނޭ ބައެއް ފަރާތްތައް ވެސް މަރުވެފައި ވެއެވެ. ހަމަލާތައް ބަދަލުކުރުމުގެ ތެރޭގައި އަލް ޝަބާބްގެ ހަތަރު ހަނގުރާމަވެރިއަކު ވެސް މަރުވި އެވެ.