ހަބަރު

ބާ ކައުންސިލްގެ ނައިބަކަށް މުއިއްޒު

ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ނައިބު ރައީސަކަށް ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އިންތިހާބުވެއްޖެ އެވެ.

އަބުދުއްﷲ މުއިއްޒު އަކީ ރައްޔިތުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލެވެ. މުއިއްޒު އެ މަގާމަށް ހޮވިވަޑައިގެންފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާ ވާދަ ކުރައްވައި ބޮޑު ތަފާތަކުންނެވެ.

ބާ ކައުންސިލްގެ ނައިބު ރައީސް ކަމަށް މުއިއްޒު ހޮވިވަޑައިގެންފައިވާއިރު، ރައީސް ކަމަށް ހޮވިވަޑައިގެންފައިވަނީ އޭނާ އާ އާއިލީ ގޮތުން ގުޅިފައިވާ މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދެވެ. މައުމޫން ވާދަ ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާ އެވެ.

މިއީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މި އިންތިހާބު ބޭއްވި ފުރަތަމަ ފަހަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވާފައިވާ ގާނޫނުގައިވާ ގޮތުން އިންތިހާބުގެ ކަންކަން ބަލަހައްޓަން ޖެހޭނީ އިލެކްޝަން ކޮމިޝަނުންނެވެ.

ގާނޫނު ބުނާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ ތިން އަހަރެވެ.

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާފައިވަނީ، އަލީ ނަސީރު ގާސިމް، ޝަބާބު ރަޝީދު، އައިމިނަތު އަރީޖު ހުސައިން، އަނާރާ ނައީމް، އަހުމަދު މުއިޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ.މުހައްމަދު އިބްރާހިމް، ޒުބައިރު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބުދުއްސަލާމް އާރިފު، އަނަސް އަބުދުއްސައްތާރު، މުހައްމަދު ވަހީދު ނަޖީބު، ސަފާ ޝަރީފު، އަބުދުލް މާނިއު ހުސައިން، މުހައްމަދު ފަރީދު، ޒިމްނާ އަބުުދުލް މުހުސިން، އައިޝާ ސުޖޫން، މުހައްމަދު އަސީލާއި، އަލީ ޝާހު އެވެ. މީގެ ތެރެއިން އިންތިހާބު ވާނީ ހަ މެންބަރުންނެވެ.

މިހާރު ކުރިއަށްދަނީ މެންބަރުކަމަށް ކުލިމަތިލާފައިވާ ފަރާތްތަކުގެ ވޯޓް ގުނުމުގެ މަސައްކަތެވެ. ވަގުތީ ނަތީޖާ މިރޭ އިއުލާންކުރާއިރު، ދާއިމީ ނަތީޖާ މާދަމާގެ ވަގުތެއްގައި އިއުލާން ކުރާނެ އެވެ.