ވިޔަފާރި

ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރަން ކޮންނަން ފަށައިފި

Jul 14, 2019
5

އަލަށް ހަދާ ސީޕްލޭން ޓާމިނަލް ނިމެންވާއިރަށް، ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރަން ކޮންނަން ފަށައިފި އެވެ.

ސީޕްލޭން ސަރަހައްދު ބޮޑު ކުރުމުގެ ގޮތުން ކޮންނަމުން ދާތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހުޅުމާލެއިން ހުޅުލެއަށް ވަދެ ނުކުމެ ހަދާ ކޯޒްވޭ މާދަމާ އިން ފެށިގެން ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފަ އެވެ.

އެމްއޭސީއެލްއިން ބުނީ މި ސަރަހައްދު ބަންދު ކުރުމަށްފަހު ހައިވޭގެ އިރުމަތީ ފަރާތަށް ވަގުތީ ގޮތުން ވަދެވޭނެ ގޮތް ހަމަޖައްސައިފައި ވާނެ ކަމަށެވެ. މިއީ އެމްއޭސީއެލް އާއި އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތައް ވަދެ ނުކުތުމަށް ބޭނުން ކުރާ މަގެކެވެ.

ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތް ނިންމައި ސީޕްލޭން ޕާކް ކުރާ ޑޮކިން ޕްލެޓްފޯމުތައް ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ސްޓްރަކްޗާގެ ލިފްޓުތައް ހަރުކުރުން ވަނީ މިހާރު ނިންމާލާފަ އެވެ. މިހާރު ކުރަމުން ދަނީ ސްޓްރަކްޗާގެ ބޭރު ހެދުމުގެ މަސައްކަތާއި ކަރަންޓާއި އޭސީ އަދި ފެން ހޮޅި އެޅުމުގެ މަަސައްކަތްތަކެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ މި ހިދުމަތަށް ބޮޑު ބަދަލެއް އަންނާނެ އުންމީދީ މި ޕްރޮޖެކްޓް ފަށާފައިވަނީ ޖެނުއަރީ 29، 2018 ގަ އެވެ. ވިއައިއޭގެ އިރުމަތީ ފަރާތުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށްވާ ގޮތަށް އޮންނަ ހަދާ ސީޕްލޭން ޓާމިނަލްގެ މަސައްކަތަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަލަށް 616 މިލިއަން ރުފިޔާ) ހޭދަވެ އެވެ. މި މަޝްރޫއު ނިމުމުން ސީޕްލޭން ޖައްސާ ސަރަހައްދު 50 ޕަސެންޓް ބޮޑު ވެގެންދާނެ އެވެ. މިތަން ނިމޭއިރު ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް ހުންނާނެ އެވެ.