ދުނިޔެ

އިރާން ޓޭންކަރު ދޫކޮށްލާނީ ޔަގީންކަން ދިނުމުން

އިނގިރޭސިވިލާތުން ހިފަހައްޓާފައިވާ އިރާންގެ ޓޭންކަރު ދޫކުރަނީ ސީރިޔާއަށް ތެޔޮ ނުގެންދާނެ ކަމުގެ ޔަގީންކަން އިރާނުން ދިނުމުން ކަމަށް އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖެރެމީ ހަންޓް ވިދާޅުވެއްޖެ އެވެ.

މި މަހު ހަތަރު ވަނަ ދުވަހު އިރާނުގެ ތެޔޮ ޓޭންކަރު ހިފަހައްޓާފައިވަނީ ޔޫރަޕް ޔޫނިއަން (އީޔޫ) އިން އަޅައިފައިވާ ދަތިތަކާއި ގުޅިގެންނެވެ. އިނގިރޭސިވިލާތުން ޓޭންކަރު ހިފެހެއްޓުމުން، ބަހުގެ ހަމަލާތެކެއް ބަދަލު ކުރުމަށްފަހު އިރާނުން ވަނީ އިނގިރޭސިވިލާތުގެ ޓޭންކަރެއް ހިފެއްޓުމުގެ މަަސައްކަތް ކޮށްފަ އެވެ.

ހިފެހެއްޓި ޓޭންކަރުގެ މައުލޫމާތު ދެމުން އިނގިރޭސި ފޮރިން މިނިސްޓަރު ހަންޓް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ބޮޑު ނުކޮށް ހަރުދަނާ ކަމާއެކު އިރާނާއެކު މަޝްވަރާ ކުރެވުނުތީ ހިތްހަމަޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އިރާނުގެ ޓޭންކަރު ނުވަތަ ތެލެއް ނޫން، ބޭނުން ވަނީ ތެޔޮ ސީރާއަށް ނުގެންދާނެ ކަމުގެ ޔަގީންކަން، އިރާނާއެކު މަޝްވަރާ ކުރެވުނުތީ ހިތްހަމަޖެހޭ، އުއްމީދު ކުރަނީ އިރާނުން އަޅުގަނޑުމެންގެ ބަސް އަހާނެ ކަމަށް" ހަންޓް ވިދާޅުވި އެވެ.

ޓޭންކަރު ހިފެހެއްޓި މައްސަލައިގައި ޖަވާބު ދެމުން އިރާނުން ބުނީ ޓޭންކަރުގައި ހުރީ ސީރީއަށް ގެންދާ ތެޔޮ ނޫން ކަމަށެވެ. އެހެންކަމުން ޓޭންކަރު ހިފެހެއްޓުމަކީ ބައިނަލް އަގްވާމީ ގަވާއިދުތަކާއި ހިލާފަށް ކުރި ކަމެއް ކަމަށެވެ. އީޔޫން އަޅައިފައިވާ ދަތިތަށް ގަބޫލުނުކުރާ ކަމަށްވެސް އިރާނުން ވަނީ ބުނެފަ އެވެ.