ގައުމީ ފުޓްބޯޅް ޓީމް

މެޗެއް ނުކުޅޭތާ އަށް މަސް ތައްޔާރުވާން ހަފުތާއެއް

ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ، މިދިޔަ އަހަރު ނެވްމެބަރު މަހު ތިން ވަނަ ދުވަހު މެލޭޝިއާ ދެކޮޅަށެވެ. އޭގެ ފަހުން ސީނިއާ ގައުމީ ޓީމުގެ ހަރަކާތް ހުއްޓުނީ އެވެ.

މި އަންނަ ބުރާސްފަތި ދުވަހު، މޮރިޝަސްގައި ފަށާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރު ވާން، ގައުމީ ޓީމުގެ ޕްރެކްޓިސް ފެށީ މި މަހު 10 ވަނަ ދުވަހުގެ ރޭ ގަ އެވެ.

މުބާރާތަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޓްރެއިނިންތައް ފެށުމުން، ތަމްރީން ހަދަން ގައުމީ ޓީމަށް ލިބޭނީ ހަތް ދުވަހެވެ. މޮރިޝަސްއަށް ކުރަން ހަމަޖެހިފައިވާ ދަތުރާއެކު މުބާރާތުގެ ކުރިން ޓްރެއިނިންއަށް ލިބޭ މުއްދަތު އިތުރަށް ކުޑަ ވެގެންދާނެ އެވެ.

މި އަހަރު ސީޒަން ޖޫން މަހު ފެށުމަށް ކުލަބުތަކަށް ކޮންވިންސް ކޮށްދޭން އެފްއޭއެމުން ދެއްކި އެއް ވާހަކައަކީ، ޖޫން ގައި ސީޒަން ފަށާނަމަ ގައުމީ ޓީމަށް އިތުރު ވަގުތު ލިބޭނެ ކަމަށެވެ. ޖޫންގައި ފެށި ސީޒަނާ ކުޅުންތެރިން ކުރިމަތިލީ، ވާދަވެރި މެޗެއް ނުކުޅެ ހަތް މަސް ހޭދަ ކުރުމަށް ފަހު އެވެ. އެއް އަށް ފަހު ކައިރީގައި މެޗުތައް ކުޅެން ޖެހުމުން، ކުޅުންތެރިންނަށް އޭގެ އަސަރު ކުރުމުން ކުލަބު ތަކުގެ ކޯޗުންގެ ކަންބޮޑުވުންތައް މީޑިއާގައި ހާމަ ކުރި އެވެ.

ގައުމީ ޓީމަށް ގިނަ ވަގުތު ލިބޭނެ ކަމަށް އެފްއޭއިން ބުނި ވާހަކަ އާ، ފެނުނު މަންޒަރާއި ނުބައްދަލެވެ. އައިއޯއައިޖީގެ ގުރޫޕް ސްޓޭޖުގައި، ރާއްޖެއާ ވާދަ ކުރަން އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ރީޔޫނިއަން އާއި ރަނަރަފް މަޔޯޓޭ އާ ދެކޮޅަށެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނިކުންނަން ޖެހޭނަމަ، ރާއްޖެއަށް ނެގެން އޮތް އެޑްވާންޓޭޖަކީ ވަރުގަދައަށް ތައްޔާރު ވުމެވެ. އެކަށީގެންވާ ވަރަށް ތައްޔާރު ނުވެ ދިއުމުން، ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތި ވުމުގެ ބިރު އެބައޮތެވެ.

އައިއޯއައިޖީގައި ވާދަ ކުރާ ރާއްޖޭގެ ޓީމުތަކުގެ ތައްޔާރީތަކާ ބެހޭގޮތުން ޕީއެސްއެމް ސްޕޯޓްސްއިން ގެނެސްދޭ، "މިފަހަރުވެސް ގޯލްޑް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝެގަޓް ބުނީ ޒުވާން ކުޅުންތެރިންނަށް އައިސް ފައިވާ ކުރިއެރުން ނުވަތަ އެ ކުޅުންތެރިންގެ މިހާރުގެ ހާލަތު ދެނެގަތުމަށް މި އަހަރުގެ މުބާރާތަކީ ރަނގަޅު ޓެސްޓަކަށް ވާނެ ކަމަށެވެ.

މި މުބާރާތުން ޒުވާން ކުޅުންތެރިންނަށް އެކަށީގެންވާ ތަޖުރިބާއެއް ހޯދަން ބޭނުން ނަމަ އެކަށީގެންވާ ގޮތުގައި ތައްޔާރު ވާން ޖެހެ އެވެ. މުބާރާތަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ތައްޔާރު ވެގެން އެ ފައިދާ ނެގިދާނެތޯ ސުވާލު އުފެދެ އެވެ.