ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް އަބުދުﷲ ފިލި މައްސަލައިގައި މިނިސްޓަރު ޝިދާތާ ޝަރީފާއި ސުވާލު ކުރުމަށް މާދަމާ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ޝައިމްގެ މައްސަލައިގައި ޝިދާތާއާއި ސުވާލު ކުރަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މަޖިލިހުގެ އިދާރާއިން ބުނީ މިނިސްޓަރު ޝިދާތާއާއި ސުވާލު ކުރުން މާދަމާގެ ޖަލްސާގައި އޮންނާނެ ކަމަށެވެ. ޝައިމް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެސެސްމެންޓެއް ހަދަން ގެންގޮސް ހިޔާގައި ބަހައްޓާފައި ހުއްޓާ އެތަނުން ފިލީ މިދިއަ މަހުގެ 18 ވަނަ ދުވަހު ހެނދުނު އެވެ.
އެކަން ރިޕޯޓް ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭގެ ފަހުން ޝައިމަކީ ކުޑަކުދިންގެ ހިޔާގައި ވަގުތީ ގޮތުން ބަހައްޓާފައި ހުރި ކުއްޖެއް ކަމާއި އޭނާ އެތަނުން ފިލީކަން ހާމަވި އެވެ.
ނަމަވެސް ޝައިމް ގެއްލިގެން ހޯދަން އިއުލާން ކުރި އިރު ފުލުހުން ވެސް އަދި ޖެންޑާއިން ވެސް އޭނާއަކީ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ބުނެފައެއް ނުވެ އެވެ. އެކަން ފަޅާ އެރީ ސޯޝަލް މީޑިއާގައި ދައުރުވި ޖުވެނައިލް ކޯޓުގެ އަމުރެއްގައި ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެއް ކަމަށް އޮތުމުންނެވެ. އޭނާ ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔާ މި މަހުގެ އެއްވަނަ ދުވަހު އެވެ. މީގެ އިތުރުން ޝައިމް ފިލުވައިގެން ގެންގުޅުނު މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.