ޝިދާތާ ޝަރީފު

ޝިދާތާގެ ހޫނު ރައްދެއް ޖީހާނަށް!

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ބޮޑުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަންރައިޓްސް ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށް ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ ދިވެހިން ވަނީ ދޫކޮށްލާފައެވެ. އެ މީހުން ދޫކޮށްލީ "ނުފޫޒު" ގަދަ ބޭފުޅުންތަކެއްގެ އޯޑަރަކަށް ކަމަށް ދަނީ އަޑުފެތުރެމުންނެވެ. އަދި އެ މައްސަލައާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ.

އެ މައްސަލާގައި މުޅި ގައުމު ރުޅިގަދަވެފައިވަނިކޮށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ރޭޕްގެ މައްސަލަތަކާއި ގުޅިގެން އޭރު އެކަަމަނާގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނަން ނެތް ކަމަށެވެ. އަދި ރޭޕްގެ ވާހަކަތައް މިހާރު މީޑިއާތަކުގައި ކެކެނީ ވަރަށް ހޫނު މަޑުކޮށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަޑުގެ ވަޒީރުކަމުގައި ކުޑަކުދިންނާ އަންހެނުންނާއި އިންސާނީ ކަރާމާތާއި ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގަރިރު [ޖީހާން މަހުމޫދު] ދެފައި އެއްތާ ނުޖަހާ. ފަހެއް ފެބްރުއަރީގައި އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި މިފަދަ މައްސަލަ ތަކުގައި މެމްބްރުންގެ އުދާސްތަކާއި ރުޅިވެރިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ،" މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫވެރި ހާލަތު ހަނދާނަށް ގެންނަވާ ޝިދާތާ ވިދާޅުވިއެވެ.

އަޅުގަޑުގެ ވަޒީރުކަމުގައި ކުޑަކުދިންނާ އަންހެނުންނާއި އިންސާނީ ކަރާމާތާއި ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގަރިރު [ޖީހާން މަހުމޫދު] ދެފައި އެއްތާ ނުޖަހާ. ފަހެއް ފެބްރުއަރީގައި އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި މިފަދަ މައްސަލަ ތަކުގައި މެމްބްރުންގެ އުދާސްތަކާއި ރުޅިވެރިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ
ޝިދާތާ ޝަރީފް | ކުރީގެ ޖެންޑާ މިނިސްޓަރު

ޝިދާތާ ވިދާޅުވީ އެކަމަނާގެ އިސްތިއުފާއާއެކު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުންނަށްވެސް ނިދިފައިވާ ކަމަށެވެ. އަދި އެ ދުވަހު ވާހަކަ ދެއްކި މީހުން އެކަން ކުރީ ހެޔޮނިޔަތުގައިނަމަ މިއަދުވެސް އެ މަންޒަރު އެގޮތަށް ފެނުނީސް ކަމަށް ވިދާޅުވިއެވެ.

"އޭރު ކަން ބޮޑުވުން ފާޅުކުރި މައްސަލައިގެ ހިމެނޭ ޑިސެބިލިޓީ އެންބެސެޑަރުވެސް ދޫވެއްޖެ. އެފަދަ އެތައް މަސައްލައެއް މައްސަލަޔަކަށް ނުވެ ހިގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ.،"

ޝިދާތާ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވަކި މީހަކު ފުޑާލުމަށް ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ދުވަހަކު ގައުމަށް ހެޔޮ ބަދަލެއް ނާންނާނެ ކަމަށެވެ.

"މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު ފުޑާލަން ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިދަކު ހަގީގީ ހެޔޮ ބަދަލެއް ނާންނާނެ. މިއަދުވެސް މި ފެންނަނީ އޮޑީގެ މިސްރާބު ގޯހުން ގޯހަށް ދާތަން،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝިދާތާ ވިދާޅުވިއެވެ.