ރައްޔިތުންގެ މަޖިލިސް

ލޯފަން މީހުން ވޯޓުލުމަށް ޕްލާސްޓިކް ޓެމްޕްލޭޓު ބޭނުންކުރެވޭ ގޮތް ހަދަން އިސްލާހެއް

ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އިންތިހާބުތަކުގައި މީހެއްގެ އެހީއާ ނުލާ ވޯޓުލެވޭ ގޮތަށް ޕްލާސްޓިކް ޓެމްޕްލޭޓު ބޭނުންކުރެވޭ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލު މަޖިލީހަށް ތައާރަފުކޮށްފަ އެވެ.

ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމުގެ ފުރުސަތު ހަމަޖައްސައިދިނުމެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެކެވެ.

އެ ޓެމްޕްލޭޓު އޮންނަންވާނީ ވޯޓު ކަރުދާހާ އެއްވަރަަށް، އަދި އެ ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސްލުމުން އެ ނުގުޑާނެ ފަދައަކުން، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓު ނަންބަރު ޓެކްލައިންކޮށް، އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަޖަހަންޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް އެ ޓެމްޕްލޭޓުގައި ކެނޑުމެއް ހިމެނޭ ގޮތަށް ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލާން އެދޭ މީހުންނަށް އެ ފުރުސަތު ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދޭން ޖެހޭނެ އެވެ.

ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލާން މީހަކު އެދިއްޖެނަމަ، އެ މީހަކަށް ވޯޓު ކަރުދާސް ދޫކުރަންވާނީ އެ ވޯޓު ކަރުދާސް ޓެމްޕްލޭޓުގެ ތެރެއަށްލުމަށްފަހު ކަމަށް އިސްލާހުގައިވެ އެވެ.