ދުނިޔެ

ބަންގްލަދޭޝްގެ ކުރީގެ ރައީސް އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ރައީސް ޖެނެރަލް ހުސެއިން މުހައްމަދު އިރުޝާދު މިއަދު އަވަހާރަވެއްޖެ އެވެ.

އިރުޝާދު އަވަހަރެވައި ވަނީ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން ހަފުތާވެފައި ވަނިކޮށެވެ. އަވާހަރަވި އިރު އިރުޝާދުގެ އުމުރުފުޅަކީ 89 އެވެ. އާލަސްކަންފުޅު ގޯސްވުމާ ގުޅިގެން އިރުޝާދަށް ވަނީ ބަންގްލަދޭޝްގެ އަސްކަރީ ހޮސްޕިޓަލެއްގައި 10 ދުވަސް ވަންދެން ވެސް ފަރުވާ ދީފަ އެވެ.

ދިހަ އަހަރު ވަންދެން ބަންގްލަދޭޝްގައި ވެރިކަން ކުރެއްވި އިރުޝާދު ވެރިކަމުން ދުރުކުރީ ފަސް ވަނަ ސާކް ސަމިޓަށް މާލެ ވަޑައިގަތުމަށް ފަހު ގައުމަށް ވަޑައިގަތުމުން 1990 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޑިމޮކްރެސީގެ ހަރަކާތްތަކުގަ އެވެ. އެ ހަރާކާތުގައި އެންމެ އިސްކޮށް ތިއްބެވީ މިހާރުގެ ބޮޑު ވަޒީރު ޝެއިހު ހަސީނާ އާއި އިދިކޮޅު ލީޑަރު ހާލިދާ ޒިޔާ އެވެ. އޭގެ ފަހުން އިރުޝާދުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ކުށް ސާބިތުކޮށް ޖަލަށްލައިފަ އެވެ.

ވެރިކަމަށް ވަޑައިގަތމުގެ ކުރިން އިރްޝާދު ވަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފަ އެވެ. އިރުޝާދުގެ ވެރިކަން ފާހަގަ ވެގެން ދިޔައީ ބަންގްލަދޭޝްގައި އިސްލާމީ ޝަރީއަތް ގާއިމްކުރަން މަސައްކަތް ކުރި ލީޑަރެއްގެ ގޮތުގަ އެވެ.